ރިސޯޓު ތަރައްޤީ ކުރުމަށް ހުޅުވާލި ދެރަށަކަށް ބޮޑެތި އަގުތަކެއް ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ހާމަކޮށްފިއެވެ.
އެގޮތުން މިއަހަރު ޖެނުއަރީ މަހުގެ 15 ރަށެއް ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ހުޅުވާލިއެވެ. އެގޮތުން ހުޅުވާލި ރަށްތަކުގެ ތެރެއިން ދެ ރަށަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަން ޓުއަރިޒަމް މިނިސްޓްރީން މިވަނީ ހާމަކޮށްފިއެވެ. ރަނގަޅު އަގުތަކެއް ލިބިފައިވަނީ ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅަށާއި، ހއ. އަލިދުއްފަރު ފިނޮޅަށެވެ.
އެގޮތުން ތ. އޮޅުފުށި އަދި އޮޅުފުށި ފިނޮޅަށް 3 ބީލަމެއް ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިރަށުގެ އެންމެ ދަށް އެކުއިޒިޝަން ކޯސްޓަކީ 700،000 ޑޯލަރު ކަމަށްވާއިރު އެރަށަށް އެންމެ ދަށް އިކުއިޒިޝަން ކޯސްޓުގެ %114.2 އިތުރަށް އަގު ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ހއ. އަލިދުއްފަރު ފިނޮޅަށް 5 ބީލަމެއް ލިބިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އެރަށުގެ އެންމެ ދަށް އެކުއިޒިޝަން ކޯސްޓަކީ 350،000 ޑޮލަރެވެ. މިރަށަށް އެންމެ ދަށް އިކުއިޒިޝަން ކޯސްޓުގެ %585.7 އިތުރަށް ހުށަހަޅާފައިވާ ކަަމަށް މިނިސްޓްރީ ވަނީ ބުނެފައެވެ.
މިއަހަރު ކުރީކޮޅު ހުޅުވާލި ރަށްތަކަށް މިހާރު ކުރެވެމުންދަނީ ހުށަހެޅުނު ބީލަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތެވެ.
މިއަހަރު ކުރީކޮޅު ފަތުރުވެރިކަމަށް ރިސޯޓު ތަރައްޤީ ކުރަން ހުޅުވާލާފައިވަނީ
* ހއ. އަލިދުއްފަރުފިނޮޅު
* ހއ. މެދަފުށި
* ހދ. ކުޑަފަރުފަސްގަނޑު
* ރ.އެއްތިގިލި އަދި ރ. އަލިފުށި ފަޅުން 10 ހެކްޓަރު ހިއްކުން
* ކ.ކާށިދޫފަޅުގެ ސަރަހައްދުން ބައެއް
* މ. ބޯހުރާ
* ފ. ނިލަންދޫފަޅުގެ ސަރަހައްދުން ބައެއް 1
* ފ. ނިލަންދޫފަޅުގެ ސަރަހައްދުން ބައެއް 2
* ތ. އޮޅުފުށި (އޮޅުފުށިފިނޮޅާ އެކު)
* ގއ ބޭރަމައުއްޑޫ
* ގއ. ފުނަދޫވިލިގިއްލާ
* ގދ. ހާދުއާ
* ގދ. ކަޅެހުއްޓާ
* ގދ. ފެރޭތަވިލިނގިލި (ކްލަސްޓަރއެއްގެ ގޮތުގައި)
ސަރުކާރުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަތުރުވެރިކަން ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އަލަށް ރިސޯޓުތައް ތަރައްޤީކޮށް ހުޅުވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެއެވެ. އެގޮތުން ރާށްޖޭގެ ރަށްތައް ދުނިޔޭގެ ފެންވަރުގެ ފެއަރ ތަކުގައިވެސް އިސްތިހާރު ކުރެވެއެވެ.