Last Updated: July 26, 17:27
Sunday, July 26, 2026
މުނިފޫހިފިލުވުން

ކައިލީގެ ހަޔާތަށް އެކްޓަރު ޓިމޮތީ؟

އެމެރިކާގެ މަޝްހޫރު ސެެބްރިޓީ ކައިލީ ޖެނާ އާއި ހޮލީވުޑްގެ އެކްޓަރު ޓިމޮތީ ޝެމަލޭ ޑޭޓްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އޮތްކަމުގެ ވާހަކަތަކެއް މިދިޔަ ހަފުތާ އިން ފެށިގެން އަންނަނީ ދެކެވެމުންނެވެ. އެގޮތުން ޓިމޮތީގެ ގެއަށް ކައިލީ ކާރެއްގައި ދާ ތަން ދިޔަ ތަން ތަކުރާރުކޮށް ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. އަދި އިއްޔެ ކައިލީ، 25، އާއި ޓިމޮތީ، 27، ލޮސް އެންޖެލިސްގެ ރެސްޓޯރަންޓަކަށް ޑޭޓަކަށް ނުކުމެ އުޅެނިކޮށް އެ މީހުންގެ ކާރުގެ ފަހަތުން ޕަޕަރާޒީންތަކެއް އަޅުވާލި ކަމަށާއި އެކަމަކު އެ މީހުންގެ ސެކިއުރިޓީއާ ހެދި އެކީގައި ފޮޓޯއަކަށް އަރާވަރު ނުކުރެވުނު ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

ދެ ކުދިން ތިބި އަދި މަހުޖަނެއް ކަމަށްވާ ކައިލީ އަކީ އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ އާއިލާ ކާޑޭޝަން/ޖެނާ އާއިލާގެ މެމްބަރެކެވެ. ކައިލީގެ ދެ ކުދިންގެ ބައްޕަ އަކީ އެމެރިކާގެ ރެޕާ ޓްރާވިސް ސްކޮޓެވެ. ނަމަވެސް އެ ދެ މީހުންގެ މެދުގައި މިހާރު ލޯބީގެ ގުޅުމެއް ނެތެވެ.

ކައިލީގެ ދެ ކުދިންނަކީ ސްޓޯމީ ވެބްސްޓާ، 5، އާއި އެއާ ވެބްސްޓާ، 1، އެވެ.

ހޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޓިމޮތީ މީގެ ކުރިން ރައްޓެހިވި މީހުންގެ ތެރޭގައި އީޒާ ގޮންޒާލޭޒް، ލިލީ ރޯޒް-ޑެޕް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާގެ ދަރިފުޅު ލޯޑެސް ލިއޯން ހިމެނެ އެވެ. އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކޯލް މީ ބާއި ޔޯ ނޭމް"، "ބިއުޓިފުލް ބޯއި"، "ދަ ކިންގް"، "އަ ރެއިނީ ޑޭ އިން ނިއު ޔޯކް" އަދި "ޑޫން" ހިމެނެ އެވެ.

ޓިމޮތީ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޑޫން" ގެ ދެވަނަ ބަޔާއި "ވޮންކާ" ހިމެނެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބޯންސް އެންޑް އޯލް" އެވެ.