ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި މިހާތަނަށް ވޯޓުލާފައިވަނީ 32 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަންގެ ވޯޓުލުން ހެނދުނު 08:00 ގައި ފަށާފައިވާއިރު ހަވީރު 04:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މި އިންތިހާބުގައި މެންދުރު 12:00 އާ ހަމައަށް ވޯޓުލާފައިވަނީ ޖުމުލަ 1097 މީހުން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 566 ފިރިހެނުންނާއި 531 އަންހެނުންނެވެ. މި އިންތިހާބުގައި ޖުމުލަ 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
މި އިންތިހާބުގައި ޖުމުލަ ހަ ވޯޓު ފޮޓުފޮށި ބަހައްޓާފައިވެއެވެ. އެއީ ގުޅީގައި އެއް ވޯޓު ފޮށި، މާފުށީގައި ދެ ވޯޓުފޮށި، ގުރައިދޫގައި ދެ ވޯޓު ފޮށި އަދި މާލޭގައި ހުރި ވޯޓު ފޮއްޓެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. މި އިންތިހާބުގައި ވާދަކުރަނީ ތިން ކެންޑިޑޭޓުންނެވެ. އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކެއް ލިބުނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާ އަށެވެ. ކެންޑިޑޭޓް ނަމްބަރު ދޭއް ލިބުނީ އެމްޑީޕީގެ ޓިކެޓުގައި ވާކުރާ އިބްރާހީމް ޝާޒް އަށް ކަމަށްވާއިރު ކެންޑިޑޭޓް ނަމްބަރު ތިނެއް ލިބުނީ އެމްއެންޕީން ވާދަކުރާ އަލީ އާރިފަށެވެ.