ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށް ވެސް ރުހެން ޖެހޭ ކަމަށް ޝެއިހް ނަސްރުﷲ ޢަލީ ވިދާޅުވެއްޖެ އެވެ.
"ﷲގެ ނިޔާއަށް ރުހުން" ގެ ނަމުގއި ރޭ ފުވައްމުލަކުގައި ބޭއްވި އިހުޔާ ފޯރަމްގައި އޭނަ ވިދާޅުވީ ޙަޔާތުގައި މުސީބާތެއް ދިމާވުމުން، ދުޢާކޮށް އެ މުސީބާތުގެ ސަބަބުން ދަރުމަ ދެއްވައި، އަދި އެއަށްވުރެ ހެޔޮގޮތެއް މެދުވެރިކުރައްވާތޯ ދުޢާކުރުން މަތީ ދެމިތިބެން ޖެހޭ ކަމަށެވެ. އެގޮތުން ދުނިޔެމަތީގައި އެ ކަމަކީ ރަނގަޅުކަމެއްކަމަށް، ތިމާއަށް ފައިދާ ހުރި ކަމެއް ކަމަށް ދެކޭ ކަންކަން އެއީ ތިމާ އަށް ހުރި ގެއްލުމަކަށް ވެސް ވެދާނެ ކަމަށާއި ހުރިހާ ކަމެއްގެ ހަގީގަތް އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ މާތްﷲ ކަމަށް ވިދާޅުވި އެވެ.
އަތޮޅު އިޙްޔާ ފޯރަމް
ފުވައްމުލައް ސިޓީ pic.twitter.com/Eql8y0qrxV— Ministry of Islamic Affairs (@MVIaffairs) April 15, 2023
ނަސްރުﷲ ވަނީ ދުނިޔެ މަތީގައި ދިމާވާ ކަންކަމަކީ ދެރަކަންކަން ކަމަށް ނުވިސްނުމަށް އިރުޝާދު ދެއްވައިފަ އެވެ. އެހެންވެ ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށް ވެސް ރުހެން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ކޮންމެ ކަމެއްވެސް ދިމާވާނީ އެ ކަމެއްގައި ހެވެއް އޮވެގެން ކަމަށާއި މާތްﷲގެ މިންވަރާ މެދު ރުހެން ޖެހޭނެ ކަމަށް ޝައިޚް ވިދާޅުވިއެވެ.
ނަސްރުﷲ ވިދާޅުވީ މާތްﷲ އިންސާނަކަށް ދެރަ ގޮތެއް މެދުވެރި ނުކުރައްވާނެ ކަމަށާއި ދިމާވާ ކޮންމެ ކަމަކީ ވެސް އިމްތިހާނެއްކަން ދެކިގެން ކުރިއަށް ދާން ޖެހޭ ކަމަށެވެ. މާތްﷲ ގެ މިންވަރަށް، ނިޔާއަށް ރުހިގެން ކުރިއަށް ދިޔުމުގެ މުހިންމުކަމަށް ބައްލަވައި ޝައިޚް ވިދާޅުވީ ދިމާވާ ކަންތައްތަކަށް ކެތްތެރިވެ ދުލުން ބަދުބަސް ވެސް ބުނެގެން ނުވާނެ ކަމަށެވެ. އަދި އަބަދު ވެސް
ވިސްނަންވީ ދުނިޔޭގައި ބަޔަކު ކިތަންމެ ބޮޑު ދެރައެއް ދޭން އުޅުނަސް މާތްﷲގެ އިރާދަފުޅާލައިގެން މެނުވީ އެފަދަކަމެއް ނުވާނެކަން ގަބޫލުކޮށް ވަކީލްކުރުމެވެ.