Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

އަތޮޅު އިހުޔާ ފޯރަމްގެ އެއް ވަނަ ހޯރަފުއްޓަށް

އިސްލާމިކް މިނިސްޓްރީން މި ރޯދަ މަހު ކުރިއަށް ގެންދިޔަ އިހުޔާ ޕްރޮގްރާމްގެ ތެރެއިން އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ އެއް ވަނަ އިނާމް ހއ. ހޯރަފުއްޓަށް ލިބިއްޖެ އެވެ.

އެކަން އިއުލާން ކުރީ ރޭ ފުވައްމުލަކުގައި ބޭއްވި އަތޮޅު އިޙުޔާގެ ފަހު ފޯރަމްގަ އެވެ. އިޙްޔާ ފޯރަމް ބޭއްްވި ހުރިހާ އަތޮޅެއްގެ ގުރުއަތު ނެގުން އެ ފޯރަމްގައި ކުރިއަށް ގެންދިޔަ އިރު 2 ވަނަ އަދި 3 ވަނަ ވެސް ލިބުނީ ފުވައްމުލަކަށެވެ.

އެއް ވަނަ (AIF HOA 282) އިނާމެއްގެ ގޮތުގައި ހޯރަފުއްޓަށް ލިބުނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދޭ ހައްޖު ޢުމްރާ ދަތުރެކެވެ. ދެވަނަ އަށް (IF FVM 363) އުރީދޫން ސްޕޮންސަކުރި އައިފޯން 13 ލިބުނު އިރު، ތިން ވަނަ (IF FVM 768) އިނާމަކީ ރެއިންބޯގެ ސޯފާސެޓެވެ.

ގުރުއަތުން ހޮވުނު ފަރާތްތަކުން ނަންބަރުކޮޅުގެ ފޮޓޯ އާއި އައިޑީކާޑުގެ ފޮޓޯ ވައިބަ ޖެހެނީ 7910208 މި ނަންބަރަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ނަމަ [email protected] އަށެވެ. ބަދަލުގައި މީހަކު ފޮނުވާ ނަމަ، ބަދަލުގައި ފޮނުވާ ބޭފުޅެއްގެ ސިޓީއަކާއި އައިޑީކާޑު ކޮޕީ އަދި ނަންބަރުކޮޅު ގެނައުމުން ވެރިފައިކުރުމަށް ފަހު އިނާމް ހަވާލުކުރެވޭނެއެވެ.

ރޭގެ ފޯރަމްގައި އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ޢަލީ ވަނީ ފޯރަމްތައް ކުރިއަށް ގެންދިޔުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވާ ރަށްރަށުން ލިބުނު އެއްބާރުލުމަށްޓަކައި ކައުންސިލްތަކާއި އެކިއެކި މުއައްސަސާތަކާއި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.

މި އަހަރު ޖުމްލަ 7 ރަށެއްގައި އަތޮޅު އިޙްޔާ ފޯރަމް ބާއްވާފައިވެ އެވެ. އެއީ އައްޑޫ ހިތަދު އާއި އާއި ކުޅުދުއްފުއްޓާއި ހއ. ހޯރަފުއްޓާއި، ރ. ދުވާފަރާއި ޅ. ނައިފަރާއި ގދ. ތިނަދޫގެ އިތުރުން ފުވައްމުލަކެވެ.