ލިޔެދިން ސްކްރިޕްޓަކަށް ފިލްމެއް ނަހަދައި، ފަހުން އޭގެ މައިގަނޑު ޕްލޮޓާއި ކެރެކާޓްތައް ކޮޕީކޮށްގެން ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ގައި ރިޗީ ފިލްމެއް ހެދި ކަމަށް ބުނެ ބަދަލު ހޯދަން ދައުވާކޮށްފި އެވެ.
އޭނަ 2008 ގައި ގެނެސްދިން ގޭންގްސްޓާރު ފިލްމު "ރޮންއެންރޯލާ" ގެ ސީކްއެލްއެއް ހަދަން ސްކްރީންޕްލޭ ލިޔެ ދިނުމުން، ސީކްއެލްއެއް ހަދަން ބޭނުން ނުވާ ކަމަށާއި ފިލްމުގެ ފުރަތަމަ ބައިން ގޭންގްސްޓާރުންގެ ވާހަކަ ނިމިފައިވާ ކަމަށް ބުނެ، ސްކްރީން ރައިޓަރު/އެކްޓަރި މިކީ ޑި ހާރާގެ ސްކްރިޕްޓަށް ރިޗީ ފިލްމެއް ހަދައިފައެއް ނުވެ އެވެ.
އެކަމަކު އިނގިރޭސި ޑައިރެކްޓަރު 2019 ގައި ގެނެސްދިން ފިލްމު "ދަ ޖެންޓްލްމެން" އަކީ "ރޮކްއެންރޯލާ" ގެ ސީކްއެލް އަށް ލިޔެދިން ސްކްރިޓްޕްޓްގެ ޕްލޮޓާއި މައިގަނޑު ކެރެކްޓާތައް ކޮޕީކޮށްގެން ހަދާފައިވާ ފިލްމެއް ކަމަށް މިކީ ބުންޏެވެ. އެ ފިލްމުގެ ސްކްރީންޕްލޭގެ ކްރެޑިޓް ދީފައި ވަނީ ސީދާ ރިޗީއަށެވެ. އަދި ވާހަކައިގެ ކްރެޑިޓް އޭނަގެ އިތުރުން އިވަން އެޓްކިންސަނާއި މާން ޑޭވީޒް އަށް ދީފައިވެ އެވެ.
އެހެންވެ މިކީ ދައުވާކުރީ އޭނަގެ ސްކްރިޕްޓް ކޮޕީކުރި މައްސަލާގައި ރިޗީގެ އަތުން ބަދަލެއްގެ ގޮތުގައި 250،000 ޑޮލަރު ނަގައި ދިނުމަށެވެ. އެއީ "ދަ ޖެންޓްލްމެން" ދައްކައިގެން ލިބުނު ފައިދާ އިން ވެސް ހިއްސާވާ ގޮތަށެވެ.
ރިޗީގެ އަތުން ބަދަލު ނަގައިދޭން މިކީ ހުށަހެޅި ލަންޑަންގެ ހައި ކޯޓަށެވެ.
މިކަމާ ގުޅިގެން ރިޗީ އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. މިކީގެ ސްކްރިޕްޓަކަށް 2000 ވަނަ އަހަރުގެ "ސްނެޗް" ކިޔާ ފިލްމެއް ވެސް އޭނަ ޑައިރެކްޓްކުރި އެވެ. ރިޗީ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާގެ ކުރީގެ ފިރިމީހާ އެވެ. "އަލައްދިން" ގެ ލައިވް-އެކްޝަން ފިލްމު ހެދި ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "އޮޕަރޭޝަން ފޯޗޫން" އެވެ. އަދި ކުރިއަށް އޮތް ފިލްމަކީ ފިތުރު އީދުގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ދަ ކޮވެނަންޓް" އެވެ.