ކުރިއަށް އޮތް ފިތުރު އީދު ދުވަހު މީސްމީހުން ގަޔަށް ކުލަ ޖެހުމަކީ މަނާ ކަމެއް ކަމަށް ގދ. ފިޔޯރީ ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން ބުނީ އެގޮތަށް ނިންމީ ކައުންސިލްގެ 57 ވަނަ އާންމު ޖަލްސާގައި ކަމަށެވެ.
އީދަށް ކުލަ ޖެހުން މަނާކޮށް، ފިޔޯރީ ކައުންސިލުން ބުނީ ފިތުރު އީދުގެ ވެސް އެއްވެސް ހަރަކާތަކާ ގުޅުވައިގެން ކުލަ ޖެހުމަކީ މަނާ ކަމެއް ކަމަށާއި އެފަދަ ކަންކަމަކީ މާތް ވެގެންވާ އިސްލާމް ދީނާ ދުރު ހިންދޫ ދީނުގެ މީހުން ކުރަމުންދާ ކަމެއް ކަމަށެވެ. އެހެންވެ އެއީ ފިޔޯރީގެ ގިނަ ރައްޔިތުންތަކެއް ވަރަށް ބޮޑަށް ނަފުރަތުކުރާ ކަމެއް ކަމަށް ފާހަގަވެފައިވާތީ، އީދު މުނާސަބަތުތަކާ ގުޅިގެން ކުލަ ޖެހުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމަކީ މަނާ ކަމެއް ފާސްކުރީ ކައުންސިލްގެ އިއްތިފާގުން ކަމަށް ކައުންސިލުން ބުންޏެވެ.
"މިކަމަށް ރަށުގެ ކުދި ބޮޑު އެއްމެން މިދިޔަ އަހަރު ވެސް އެއްބާރުލުންދެއްވި ގޮތަށް މިއަހަރުވެސް އެއްބާލުންދެއްވުން އެދެން. ކައުންސިލުން އަންގާ މިފަދަ އެއްގުންތަކަށް ރައްޔިތުން ދެއްވާ ފުރިހަމަ އެއްބާރުލުމަށް ކައުންސިލް ނަމުގައި ރައްޔިތުންނަށް ހައްޤު ޝުކުރު ވެސް ދަންނަވަން." ފިޔޯރީ ކައުންސިލުން ބުންޏެވެ.
އީދު ފާހަގަކުރަން ރާއްޖޭގައި ފަހަކަށް އައިސް ކުލަ ޖެހުން އާންމު ކަމަކަށް ވިޔަސް ކުރިން އޮންނަނީ ފެން ޖެހުމެވެ. ނުވަވަ ފެންކުޅި ކުޅުމެވެ. ނަމަވެސް އިންޑިއާގެ ހިންދޫން ފާހަގަކުރާ ހޯލީ ގޮތަށް ރާއްޖޭގައި މި ފަހަކަށް އައިސް ކުލަ ޖަހައި މުނާސަބަތުތައް ފާހަގަކުރާކަން ފާހަގަކޮށްލެވެ އެވެ.
މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.