Last Updated: July 26, 17:27
Sunday, July 26, 2026
މުނިފޫހިފިލުވުން

ތާރާ އަނެއްކާ ވެސް ރާއްޖޭގައި

ބޮލީވުޑްގެ ބަތަލާ ތާރާ ސުތާރިއާ އަަނެއްކާ ވެސް ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.

ދެހާސް ނަވާރައިގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް ބަތަލާ މި ފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޕޯސްޓްކުރުމުގެ އިތުރަށް، ސީފުޑް ތަޖުރިބާކުރާ ފޮޓޯތަކެއް ވެސް ތާރާ އިންސްޓަގްރާމް އިސްޓޯރީގައި ޕޯސްޓްކޮށްފައިވެ އެވެ.

ތާރާ މި ފަހަރު ރާއްޖެ އައީ އޭނައާ އެއްމާބަނޑު ޕިއާ ސުތާރިއާގެ އިތުރުން ގާތް އެކުވެރިންތަކަކާ އެކީގަ އެވެ.

މިދިޔަ އަހަރު "އޭކް ވިލަން ރިޓާންސް" އިން ފެނިގެން ދިޔަ 27 އަހަރުގެ ބަތަލާ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އެ ދެ ފަހަރު އައީ ލޯބިވެރިޔާ އަދި އެކްޓަރު އާދާރު ޖެއިންއާ އެކީގަ އެވެ. ނަމަވެސް އެ މީހުން ރުޅިވެފައިވާ ކަމަށް މިދިޔަ އަހަރު މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އާދާރް އަކީ ރަންބީރް ކަޕޫރާއި ކަރީނާ ކަޕޫރްގެ ދެބޭންގެ ދެދަރި ކަޒިންއެކެވެ.