Last Updated: June 8, 09:58
Monday, June 8, 2026
ޚަބަރު

ވަގުތީ ނަތީޖާއިން ކުރީގައި އެމްޑީޕީގެ ޝާޒް

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒް އިންތިހާބުން ކުރި ހޯދައިފިއެވެ.

އިންތިހާބުގެ ވޯޓު ގުނުން ކުރިއަށްދާއިރު މާލޭގައި ބަހައްޓާފައިވާ ވޯޓުފޮށިން ކުރިހޯދާފައިވަނީ ޝާޒްއެވެ. މާލޭގައި ބަހެއްޓި ވޯޓު ފޮށިން އެމްޑީޕީގެ އިބްރާހިމް ޝާޒްއަށް 162 ވޯޓު ލިބުނުއިރު ޕީޕީއެމްގެ ހުސައިން ރިޒާއަށް ލިބިފައިވަނީ 150 ވޯޓެވެ. އަދި އެމްއެންޕީގެ އަލީ އާރިފަށް ލިބިފައިވަނީ 20 ވޯޓެވެ.

ގުރައިދޫގައި ބެހެއްޓި ދެ ވޯޓި ފޮށިން ޕީޕީއެމްގެ ރިޒާއަށް ޖުމުލަ 429 ވޯޓު ލިބުނުއިރު އެމްޑީޕީގެ ޝާޒްއަށް ލިބިފައިވަނީ 419 ވޯޓެވެ. އެމްއެންޕީއަށް ގުރައިދޫން ލިބުނީ 49 ވޯޓެވެ.

މާފުށީގައި ބެހެއްޓި ދެ ވޯޓު ފޮށީގެ ނަތީޖާއަށް ބަލާއިރު އެމްޑީޕީގެ ޝާޒަށް 504 ވޯޓު ލިބުނުއިރު ޕީޕީއެމްގެ ރިޒާއަށް ލިބުނީ 405 ވޯޓެވެ. އަދި އެމްއެންޕީއަށް އެ ފޮށިން ލިބުނީ 51 ވޯޓެވެ.

ގުޅީގައި ބެހެއްޓި ވޯޓު ފޮށިން އެމްޑީޕީގެ ޝާޒް އަށް 256 ވޯޓު ލިބުނުއިރު ރިޒާއަށް 242 ވޯޓު އަދި އާރިފަށް 16 ވޯޓު ލިބިފައިވެއެވެ.

މި އިންތިހާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު ވޯޓު ލާފައިވަނީ 2755 މީހުންނެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޖުމުލަ ހަ ވޯޓު ފޮޓުފޮށި ބަހައްޓާފައިވެއެވެ. އެއީ ގުޅީގައި އެއް ވޯޓު ފޮށި، މާފުށީގައި ދެ ވޯޓުފޮށި، ގުރައިދޫގައި ދެ ވޯޓު ފޮށި އަދި މާލޭގައި ހުރި ވޯޓު ފޮއްޓެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. މި އިންތިހާބުގައި ވާދަކުރަނީ ތިން ކެންޑިޑޭޓުންނެވެ. އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކެއް ލިބުނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާ އަށެވެ. ކެންޑިޑޭޓް ނަމްބަރު ދޭއް ލިބުނީ އެމްޑީޕީގެ ޓިކެޓުގައި ވާކުރާ އިބްރާހީމް ޝާޒް އަށް ކަމަށްވާއިރު ކެންޑިޑޭޓް ނަމްބަރު ތިނެއް ލިބުނީ އެމްއެންޕީން ވާދަކުރާ އަލީ އާރިފަށެވެ.