Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ޕީޕީއެމް ބަލިކޮށް އެމްޑީޕީން ގުރައިދޫ ދާއިރާ ކާމިޔާބުކޮށްފި

ޕީޕީއެމުން ކޮންޓްރޯލް ކުރަމުން އައި ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން ކާމިޔާބުކޮށްފިއެވެ.

މި އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބު ކޮށްފައިވާއިރު، އެމްޑީޕީން ވަނީ އިންތިހާބު ކާމިޔާބު ކުރުމުން ޝާޒް އަށް މަރުހަބާވެސް ކިޔާފައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް 1226 ވޯޓު ލިބުނުއިރު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒްއަށް 1341 ވޯޓު ލިބިފައިވެއެވެ. އަދި އެމްއެންޕީގެ އަލީ އާރިފަށް 136 ވޯޓު ލިބިފައިވެއެވެ.

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮށިން ކުރިހޯދާފައިވަނީ ޝާޒްއެވެ. މާލޭގައި ބަހެއްޓި ވޯޓު ފޮށިން އެމްޑީޕީގެ އިބްރާހިމް ޝާޒްއަށް 162 ވޯޓު ލިބުނުއިރު ޕީޕީއެމްގެ ހުސައިން ރިޒާއަށް ލިބިފައިވަނީ 150 ވޯޓެވެ. އަދި އެމްއެންޕީގެ އަލީ އާރިފަށް ލިބިފައިވަނީ 20 ވޯޓެވެ. ގުރައިދޫގައި ބެހެއްޓި ދެ ވޯޓި ފޮށިން ޕީޕީއެމްގެ ރިޒާއަށް ޖުމުލަ 429 ވޯޓު ލިބުނުއިރު އެމްޑީޕީގެ ޝާޒްއަށް ލިބިފައިވަނީ 419 ވޯޓެވެ. އެމްއެންޕީއަށް ގުރައިދޫން ލިބުނީ 49 ވޯޓެވެ. މާފުށީގައި ބެހެއްޓި ދެ ވޯޓު ފޮށީގެ ނަތީޖާއަށް ބަލާއިރު އެމްޑީޕީގެ ޝާޒަށް 504 ވޯޓު ލިބުނުއިރު ޕީޕީއެމްގެ ރިޒާއަށް ލިބުނީ 405 ވޯޓެވެ. އަދި އެމްއެންޕީއަށް އެ ފޮށިން ލިބުނީ 51 ވޯޓެވެ. މީގެއިތުރުން ގުޅީގައި ބެހެއްޓި ވޯޓު ފޮށިން އެމްޑީޕީގެ ޝާޒް އަށް 256 ވޯޓު ލިބުނުއިރު ރިޒާއަށް 242 ވޯޓު އަދި އާރިފަށް 16 ވޯޓު ލިބިފައިވެއެވެ.

މި އިންތިހާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު ވޯޓު ލާފައިވަނީ 2755 މީހުންނެވެ.

ޝާޒް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމާ ގުޅިގެން އެމްޑީޕީން އަންނަނީ އުފާ ފާޅުކުރަމުންނެވެ.