Last Updated: May 3, 11:12
Friday, May 3, 2024
ޚަބަރު ޕީޕީއެމް

ރިޔާސީ އިންތިހާބު ބޮޑުތަނުން ޕީޕީއެމް ކާމިޔާބު ކުރާނެ

މެމްބަރު އާދަމް ޝަރީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޮޑުތަނުން ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު އާދަމް ޝަރީފް ވިދާޅުވީ އެ ދާއިރާގެ ވޯޓުލީ 2755 މީހުންގެ ތެރެއިން ސަރުކާރުގެ ހުރިހާ ނުފޫޒަކާއި ބެހި ހުރިހާ ފައިސާއާ އެކު ލިބުނީ 1346 ވޯޓު ކަމަށެވެ. އަދި ބާކީ 1409 ބުނީ ސަރުކާރަށް ނޫނެކޭ ކަމަށާއި ތިން ރަށުން ސަރުކާރަށް 50 ޕަސެންޓް ނުހޯދުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސާމްޕަލަށް ބަލާނަމަ ރިޔާސީ އިންތިހާބު ބޮޑުތަނުން އެމްޑީޕީ ބަލިވެ، ޕީޕީއެމް މޮޅުވާނެ." ޝަރީފް ވިދާޅުވި އެވެ.

ޕީޕީއެމުން ކޮންޓްރޯލް ކުރަމުން އައި ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝާޒް އެވެ. މިއީ އެމްޑީޕީގެ ތާރީހުގައި ވެސް ކ. އަތޮޅުގެ ގޮނޑިއެއް އެ ޕާޓީއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް 1226 ވޯޓު ލިބުނުއިރު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒްއަށް 1346 ވޯޓު ލިބިފައިވެ އެވެ. އަދި އެމްއެންޕީގެ އަލީ އާރިފަށް ލިބުނީ 136 ވޯޓެވެ.