އިސްލާމިކް މިނިސްޓްރީން މިރޭ ބާއްވާ އިހުޔާ ފޯރަމް އަންހެނުންނަށް ހާއްސަކޮށްފި އެވެ.
މިރޭ އިސްލާމީ މަރުކަޒުގައި 9:30 ގައި ފަށާ ފޯރަމްގެ މައުޟޫ އަކީ "މުޖުތަމައުގެ ކުރިއެރުމުގައި މުސްލިމު އަންހެނާގެ ދައުރު" އެވެ. މި މައުޟޫ އަށް ފޯރަމްގައި ތަގުރީރު ކުރައްވާނީ ޑރ. އަނާރާ ނައީމާއި އަލްއުސްތާޒާ އައިޝަތު ހަލީލާ އަބްދުއްސައްތާރެވެ.
މިރޭގެ ފޯރަމަކީ ރޯދަ މަހުގެ ރޭތައް އިހުޔާކުރަން އިސްލާމިކް މިނިސްޓްރީން މި ރޯދަ މަހު ބާއްވާ 15 ވަނަ ފޯރަމެވެ.
އިހުޔާ ޕްރޮގްރާމް ކުރިއަށް ގެންދަނީ މާލެ އާއި އަތޮޅުތެރެއިންނެވެ. އެގޮތުން ހަތް އަތޮޅެއްގައި ފޯރަމް ބާއްވާފައިވާ އިރު، އަތޮޅުތެރޭގެ ފޯރަމް ހުކުރު ދުވަހުގެ ރޭ ނިންމައިލީ ފުވައްމުލަކުންނެވެ.
މި ފޯރަމްތަކުގައި ދީނީ އެކިއެކި މައުޟޫތަކަށް ރާއްޖޭގެ އެކިއެކި ޝެއިހުން ތަގުރީރުކުރައްވާފައިވެ އެވެ.
މި ފަހަރު އިސްލާމިކް މިނިސްޓްރީން ވަނީ މާލޭގައި ސްކޫލްތަކަށް ހާއްސަކޮށްގެން ވެސް ފޯރަމްތަކެއް ބާއްވައިފަ އެވެ. އެ ފޯރަމްގައި މާލޭގެ ބޮޑެތި ސްކޫލްތަކުގެ ދަރިވަރުން ދީނީ މައުޟޫތަކަށް ވާހަކަ ދައްކާފައިވެ އެވެ.