Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު ޕީޕީއެމް

ވޯޓް ދިން އެންމެންނަށް ޝުކުރިއްޔާ: ރިޒާ

އިއްޔެ ބޭއްވި ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓް ދިން ހުރިހާ އެންމެންނަށް އެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ ޝުކުރު އަދާކުރައްވައިފި އެވެ.

ބައި އިލެކްޝަން ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒާ އެކީ އެކީ ނަގާފައިވާ ފޮޓޯއަކާ ރިޒާ ކުރެއްވި ޓްވީޓްތަކެއްގައި ވަނީ ޝާޒަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.

"ޝާޒް އަށް އިޚްލާސްތެރި ތަހުނިޔާ އާއި މުބާރިކުބާދީ ދަންނަވަން. މި ފުރުޞަތުގައި އަޅުގަނޑަށް ވޯޓު ދެއްވައި، ބެހެއްޓެވި ގާތްކަ މަށް ގުޅި، ގުރައިދޫ އަދި މާފުށީގެ ރައްޔިތުންނަށް އިޚްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން،" އޭނަ ވިދާޅުވި އެވެ. "އަދި އަޅުގަނޑުގެ ކެމްޕެއިން ޓީމަށާއި ޕީޕީއެމްގެ ލީޑަޝިޕަށް ޚާއްޞަ ޝުކުރެއް ދަންނަވަން."

ރިޒާ އަކީ ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ އެވެ. މި ބައި-އިލެކްޝަން ބާއްވަން ޖެހުނީ ފެބުރައަރީ މަހުގެ ތެރޭގައި ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. އޭނަ އަކީ 14 އަހަރަށް ވުރެ ގިނަ ދުވަހު ގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އިއްޔެގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑީޑޭޓް ޝާޒް ކާމިޔާބުކުރެއްވީ 1،346 ވޯޓުންނެވެ، ރިޒާ އަށް ލިބިވަޑައިގަތީ 1،226 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފަށް ލިބިވަޑައިގަތީ އެންމެ 136 އެވެ.

އެމްޑީޕީ އަށް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވުމަކީ އެ ދާއިރާގެ ގޮނޑި އެ ޕާޓީ އަށް ލިބުނު ފުރަތަމަ ފަހަރެވެ.