Last Updated: May 6, 06:06
Monday, May 6, 2024
ޚަބަރު އެމްޑީޕީ

މި ފެނުނީ ރައީސާއި ސަރުކާރަށް އޮތް ތާއިދު

އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގެ ނަތީޖާ އިން ފެނިގެން ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް އޮތް ރައްޔިތުންގެ ތާއިދު ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ކޮންޓްރޯލް ކުރަމުން އައި ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝާޒެވެ.

ޝާޒަށް މަރުހަބާ ދަންނަވަމުން ފައްޔާޒު ވިދާޅުވީ މި އިންތިހާބުގައި ދާއިރާގެ ރައްޔިތުންގެ ތާއިދު މި ސަރުކާރަށާއި ރައީސް ސޯލިހުއަށް އޮތް ކަން ހާމަވާ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރި ކެމްޕެއިން ޓީމަށް ފައްޔާޒު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ފައްޔާޒުގެ ޗެއާޕާސަންގެ ކަމުގައި އެމްޑީޕީން މިހާތަނަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ދެ ބައި-އިލެކްޝަން ކާމިޔާބުކޮށްފަ އެވެ. އެމްޑީޕީން މި ފަހަރު ކާމިޔާބުކުރި ގުރައިދޫ ދާއިރާގެ ގޮނޑި މިފާއިތުވި 14 އަހަރު ކޮންޓްރޯލް ކުރަމުން އައީ އެމްޑީޕީ ނޫން ޕާޓީތަކުންނެވެ.

ގުރައިދޫ ދާއިރާގެ ކާމިޔާބީއާ ގުޅުވައި ފައްޔާޒު ވިދާޅުވީ މި ނަތީޖާ އިން މި އަހަރުގެ ރިޔާސީ އިންތިހާބަށް އުންމީދު އާވެގެން ހިނގައްޖެ ކަމަށެވެ.