މި އަހަރުގެ ފެމިނާ މިސް އިންޑިއާ ވޯލްޑްގެ ތާޖު ރާޖަސްތާނަށް ނިސްބަތްވާ ނަންދިނީ ގުޕްތާ އަށް ލިބިއްޖެ އެވެ.
ރޭ ބޭއްވި ކުލަގަދަ ހަފުލާގައި 19 އަހަރުގެ ރީތީގެ ރާނީ އަށް މިސް އިންޑިއާގެ ތާޖު ލިބުމާ ގުޅިގެން، މި އަހަރުގެ ޔޫއޭއީގައި ބާއްވާ 71 ވަނަ މިސް ވޯލްޑް މުބާރާތުގައި ވެސް އޭނަ އިންޑިއާ ތަމްސީލުކުރާނެ އެވެ. ނަންދިނީ ބިޒްނެސް މެނޭޖްމަންޓުން ޑިގްރީ ހާސިލުކޮށްފައިވާ މީހެކެވެ.
މިސް އިންޑިއާގެ 59 ވަނަ މުބާރާތުގެ އެއް ވަނަ އޭނަ ހޯދި އިރު، ދެވަނަ ލިބުނީ ނިއު ދިއްލީ އަށް އުފަން ޝްރެޔާ ޕޫންޖާއަށެވެ. އަދި ތިން ވަނަ ލިބުނީ މަނިޕޫރަށް އުފަން ތޯނާހަމް ސްޓްރެލާ ލުވަންގެވެ.
ފެމިނާ މިސް އިންޑިއާ ވޯލްޑް ހަފުލާ ހޯސްޓްކޮށް ދިނީ ބޮލީވުޑްގެ ފަންނާނުން ކަމަށްވާ ބޫމީ ޕިޑްނޭކަރާއި މަނީޝް ޕޯލް އެވެ. އަދި އެ ހަފުލާގައި ބޮލީވުޑްގެ ތަރިންތަކެއް ފޯރިގަދަ ސްޓޭޖް ހުށަހެޅުންތަކެއް ގެނެސްދިނެވެ. އޭގެ ތެރޭގައި ކާތިކް އާރިއަނާއި އަނަންޔާ ޕާންޑޭ ހިމެނެ އެވެ.