Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

އަމްރު އަށް ވެރިކަމުގެ ނިޒާމުން 10 މައްސަލައެއް

ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި މިހާރު ހުރި މައްސަލަތަކާ ގުޅޭ ގޮތުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މައްސަލަތަކެއް ފާހަގަކޮށް އެކަންކަމަށް ހޯދިދާނެ ހައްލުތަކަކީ ކޮބައިތޯ ބަލަން އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

ޓްވިޓާގައި އޭނަ ވަނީ މިހާރު ރާއްޖޭގެ ވެރިކަމު ހިންގުމުގެ ނިޒާމުގައި ފާހަގަކުރެވޭ މައިގަނޑު 10 މައްސަލައެއް ފާހަގަކޮށްފަ އެވ. އެހެންވެ އެކަން ކަމަށް އާންމުން ހައްލުތައް ހިއްސާކޮށްދޭން އެދިވަޑައިގެންފައިވެ އެވެ. އަމްރު ވިދާޅުވި ގޮތުގައި ލިބޭ ޚިޔާލުތައް އެއްކޮށްފައި އަންނަ އަންގާރަ ދުވަހު އާންމުކޮށް ހިއްސާކުރައްވާނެ އެވެ.

އަމްރު އަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުން ރިޔާސީ ނިޒާމުން ބަރުލަމާނީ އަށް ފުރޮޅާލުމަށް ވަކާލާތު ކުރައްވާ އަދި މިހާރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް "ފިކުރެއްގެ ދިރުން" ގެ ނަމުގައި ހިންގަވާ ފެކްޝަނަށް ނިސްބަތްވާ މެމްބަރެކެވެ.

އޭނަ އެސްޓީއޯގެ އެމްޑީގެ މަގާމުން ވަކިކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ވެރިކަމުގެ ނިޒާމުގައި ހުރި 10 މައްސަލައެއް ފާހަގަކުރައްވައި އެކަންކަމަށް ހައްލުތަކެއް ހޯދަން އާންމުންގެ ހިޔާލަށް ހުޅުވާލި އިރު، "ފިކުރެއްގެ ދިރުން" އިން މިހާރު ޖުމްހޫރީ ޕާޓީއާ އެކި ކުރަމުން އަންނަ ސިޔާސީ މަސައްކަތުގެ ތެރޭގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ނަޝީދުގެ ފަރާތުން ހުށަހަޅާފައިވ ހުށަހެޅުންތަކުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުން ވެސް ހިމެނެ އެވެ.

އަމްރުގެ ލިސްޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ޒިންމާދާރު ގޮތެއްގައި ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ނެތުމާއި، ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހަށް ވަންނަ މެންބަރަކު ބޭނުންވާ ކޮންމެއިރަކު ޕާޓީ ބަދަލުކުރުމާއި ރައްޔިތުން ޕާޓީއަކަށް ވޯޓް ދިނުމުން ހޮވޭ މީހާ ޕާޓީގެ ސިޔާސަތުތައް ދޫކޮށްލުމުން ޕާޓީއަށް ކުރެވޭނެ ކަމެއް ނެތުމާއި ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހަދައިގެން ރައްޔިތުން ވޯޓުދީގެން ހޮވޭ މީހަކު ކޯލިޝަން ރޫޅައިލިޔަސް ނުވަތަ އެއްބަސްވެފައިވާ ކަންކަން ނުކުރި ނަމަވެސް އެވެރިކަމެއް ދެމިއޮތުން ފަދަ ކަންކަން ހިމެނެ އެވެ.

އަދި ވެރިކަމަށް އަންނަ މީހަކާއި އެ މީހަކު ނިސްބަތްވާ ޕާޓީއާ ޤާނޫނީ ގުޅުމެއް ނެތުމާއި، ކޯޓުތަކުގައި މައްސަލަތައް ދިގުލައިގެން ގޮސް އިންސާފު ނުލިބުމާއި، ކޯޓުތަކުގެ ބެލެނިވެރި ފަރާތް ކަނޑައަޅާއިރު ފަނޑިޔާރުންނާއި މަޤާމުގެ ހައިސިއްޔަތުން އައްޔަންކުރެވޭ މީހުން ތިބުމުން ސިޔާސީ ނުފޫޒު ކޯޓުތަކަށް ވަނުމާއި ފަނޑިޔަރުންގެ މައްސަލަ ބެލޭނެ ގޮތެއް ނެތުން ވެސް އަމްރުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެ އެވެ.