Last Updated: July 26, 17:27
Sunday, July 26, 2026
މުނިފޫހިފިލުވުން

ޖޯން "100 ޕަސެންޓް" ބޭނުމެއް ނުވި!

ޑައިރެކްޓަރު ސާޖިދު ޚާން މިދިޔަ އަހަރުގެ އޮގަސްޓްގައި އިއުލާންކުރި ކޮމެޑީ ފިލްމު "100 ޕަސެންޓް" އިން އޭގެ ކާސްޓްގައި ހިމެނޭ ޖޯން އަބްރަހަމް ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނި ގޮތުގައި އޭނަ ފިލްމުން ވަކިވީ މި ދަނޑިވަޅުގައި ކޮމެޑީ ފިލްމެއް ކުޅެން ބޭނުން ނުވާތީ އެވެ. އަދި ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" ގައި ނެގަޓިވް ރޯލެއް ކުޅެގެން އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނު ޖޯން މިހާރު އިސްކަން ދޭން ބޭނުން ވަނީ އެކްޝަން ޖޯންރާގެ ފިލްމުތަކަށް ކަމަށް މީޑިއާތަކުން ބުންޏެވެ. އެހެންވެ ސާޖިދުގެ ފިލްމު ދޫކޮށްލީ އެވެ.

ނަމަވެސް މިކަން އަދި "100 ޕަސެންޓް" ގެ ޓީމުން ކަށަވަރެއް ނުކޮށްދެ އެވެ. އެ ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ އެއްޗެކެވެ. ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ "100 ޕަސެންޓް" ގެ ލީޑް ކާސްޓްގައި ނޯރާ ފަތުހީ އާއި ރިތޭޝް ދޭޝްމުކްގެ އިތުރުން ޝެހެނާޒް ގިލް (ސަނާ) ވެސް ހިމެނެ އެވެ.

މި ފިލްމުން ޖޯން ވަކިވެއްޖެ ކަމަށް އަޑު އަރާފައިވާ އިރު، އޭނަ ކުރިން ސާޖިދުގެ 2012 ގެ ކޮމެޑީ ފިލްމު "ހައުސްފުލް 2" ގައި މަސައްކަތްކުރި އެވެ. ސާޖިދުގެ "100 ޕަސެންޓް" އިއުލާންކުރީ މި އަހަރުގެ ދިވާލީގެ ތެރޭގައި ރިލީޒްކުރާ ގޮތަށެވެ.

ޖޯން، 50، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އެކްޝަން ތުރިލާ "ތެހެރާން" ހިމެނެ އެވެ.