އެމެރިކާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި އެ މީހުންގެ ގަޔަށް ދެ ފަހަރެއްގެ މަތިން ކުޅު ޖެހި މައްސަލައެއްގައި މީހަކު 70 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
މީޑިއާތަކުން ބުނީ މިދިޔަ ބުދަ ދުވަހު އެ ހުކުމް އިއްވާފައި ވަނީ ޓެކްސަސްގެ ލެރީ ޕިއާސަން ކިޔާ 36 އަހަރުގެ މީހަކަށް ކަމަށެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނަ ފުލުހުންގެ ގަޔަށް ދެ ފަހަރެއްގެ މަތިން ކުޅު ޖެހީ، ލެރީގެ ފަރާތުން އަނިޔާ ލިބޭ ކަމަށް ބުނެ ކުރި ރިޕޯޓަކާ ގުޅިގެން އޭނަ ހައްޔަރުކުރުމުން ފުލުހުންނަށް ގަދަކަން ދެއްކުމަށް ފަހު އެވެ.
އެގޮތުން ފުރަތަމަ ފުލުހުންގެ ގަޔަށް ކުޅުޖެހީ ލެރީއާ ގުޅޭ ގޮތުން ލިބުނު ރިޕޯޓަކާ ގުޅިގެން އޭނަ ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އަރުވަން އުޅުމުން ގަދަ ދެއްކުމަށް ފަހު އެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް ކުޅުޖެހީ، އެމެރިކާގެ ލަބޮކް ކައުންޓީ ޑިޓެންޝަން ސެންޓަރަށް ގެންދިއުމުންނެވެ.
ލެރީ އަކީ ގެވެށި އަނިޔާގެ އިތުރުން ވައްކަމުގެ ތުހުމަތުތަކެއް ވެސް ކުރެވިފައިވާ މީހެކެވެ.