Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ކޮވިޑް ގްރާންޓްގެ ތިން ވަނަ ބުރަށް ހުޅުވާލައިފި

"ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީ ދޭ ޕްރޮގްރާމުގެ ތިން ވަނަ ބުރަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ހުށަހެޅި އެޕްލިކޭޝަންތައް ރިވިއުކޮށް މިހާރު ގްރާންޓަށް ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ.

އަދި ތިން ވަނަ ބުރުގެ ތެރެއިން ގްރާންޓް ދޭން ނިންމާފައި ވަނީ 500 ފަރާތަކަށް ކަމަށް ބުންޏެވެ. މިއާ ގުޅޭ ތަފުސީލާއި ހަމަވާން ޖެހޭ ޝަރުތުތަކާއި ފައިސާގެ އެހީދެވޭ އަދަދު އަދި ދެވޭނެ ގޮތްތައް ކަނޑައަޅައި މިނިސްޓްރީން އަމަލުކުރާ އުސޫލު ޖޮބް ސެންޓަރު jobcenter.mv ގެ ވެބްސައިޓުން ލިބޭނެ އެވެ.

ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 31 އެވެ.

ގްރާންޓް ދޭން ނިންމާފައި ވަނީ ސެޕްޓެމްބަރު 30، 2022 އާއި ހަމައަށް ފާއިތުވި އެއް އަހަރުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އަންނަ މީހުންނަށާއި އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެ ދިޔަ ހަތަރު ހަފުތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ ފަރާތަކަށް ނުވުމުގެ އިތުރަށް ވަޒީފާއެއް އަދާކުރާ ނަމަ ހަފުތާ އަކު 20 ގަޑިއިރަށް ވުރެ ގިނައިރު ވަޒީފާ އަދާ ކުރަމުން އަންނަ މީހުންނަށެވެ.

އިކޮނޮމިކް މިނިސްޓްރީން މި ފޯރުކޮށްދޭ މާލީ އެހީ އަކީ ވޯލްޑް ބޭންކްއާ ގުޅިގެން ހިންގަމުންދާ ޕްރޮގްރާމެއްގެ ތެރެއިން ދޭ އެހީއެކެވެ.