މޯލްޑިވިއަން ވެބްސައިޓް އަދި އެޕް މެދުވެރިކޮށް ދުރާލާ ޓިކެޓް ނަގާ ފަރާތްތަކަށް އަގުހެޔޮކޮށް ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަންއިން ހާމަކޮށްފިއެވެ.
މޯލްޑިވިއަނުން މުޅި އަލަށް ތަޢާރަފްކުރި ޑިސްކައުންޓް ރޭޓް ނުވަތަ އާލީ ބާޑް ޑިސްކައުްޓަކީ، ކުރިއާލާ ޓިކެޓްތައް ނެގުމަށް ހިއްވަރު ދިނުމުގެ ގޮތުން ތަޢާރަފް ކުރެވެނު އެއްޗެއް ކަމަށް އެކުންފުނިން ބުނެއެވެ. މިކަމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން އަހްމަދު މުޝްއިލް ވިދާޅުވީ ކުރިއާލާ ނަގާ ޓިކެޓުތަކަށް މި ރޭޓުން ޓިކެޓް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
" އަޅުގަނޑުމެން އަސްލު ބޭނުމަކީ ތަންކޮޅެއް ދުރާލާ މި ސެކްޓަރ އަކަށް ޑިމާންޑް އެބައޮތް ކަން އެނގުން. އޭރުން އެ ސެކްޓަރ އަށް ފްލައިޓުތައް އިތުރުކުރަންވެސް ދުރާލާ ތައްޔާރުވެވޭނެ" މުޝްއިލް ވިދާޅުވިއެވެ.
މޯލްޑިވިއަން އިން ހާމަ ކުރާ ގޮތުގައި 10 ނުވަތަ 15 އިންސައްތަ ޓިކެޓުން އަގު ހެޔޮވާނެ ކަމަށެވެ. އަދި ފްލައިޓަކުން އަގުހެޔޮވާނީ 5 ނުވަތަ 10 އިންސައްތަ ސީޓްތައް ކަމަށް މޯލްޑިވިއަންއިން ހާމަކުރެއެވެ.
މޯލްޑިވިއަން ވަނީ ޑިސްކައުންޓް ސީޓުތައް ދޫކުރުމުގެ ގޮތުން ކުރިއަށް އޮތް 6 މަހަށް ބުކިންގް އަށް ހުޅުވާލާފައެވެ. މުޝްއިލް ވިދާޅުވީ މީގެ ކުރީން އެކުންފުނިން ޓިކެޓް ނެގުމަށް ހުޅުވާލަނީ 3 މަސް ދުވަސް ކުރިއަށް ކަމަށެވެ. ނަމަވެސް މި އާއި އެކު 6 މަސް ދުވަސް ކުރިން އަގުހެޔޮ ޓިކެޓެއް ނެގުމަށް ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ.
" އާލީ ބާޑް" ޓިކެޓްތަކަކީ ގިނަ އެއާލައިންތަކުން އަގުހެޔޮކޮށްދޭ ޓިކެޓްތަކެކެވެ. މީގެ ކުރީން މޯލްޑިވިއައިންވެސް ބޭރު ދަތުރުތަކަށް މިގޮތަށް ޓިކެޓް ދޫކޮށްފައިވެއެވެ. ނަމަވެސް އެތެރޭގެ އުދުހުންތަކަށް މިގޮތަށް ޓިކެޓް ދޭން ފެށި މިއީ ފުރަތަމަ ފަހަރެވެ.