Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

މަސްވެރިންނަށް 28 މިލިއަން ރުފިޔާ

މިދިޔަ ހަފްތާގައި އެކަނިވެސް މަސްވެރިނަށް 28 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން ވަނީ މިދިޔަ ހަފްތާގެ އެކުންފުނީގެ މަސްގަތް މިންވަރާއި ގުޅޭ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން މިމަހުގެ 8 އިން 14 މިފްކޯގެ ތިން ފެސިލިޓީ ކަމަށްވާ ކޫއްޑޫ، ފެލިވަރު އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މަސް ކިރި މިންވަރާއި މިތަންތަނުން ފައިސާ ދޫކޮށްފައިވާ މިންވަރު ވަނީ އާންމުކޮށްފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މިފްކޯގެ ތިން ސައިޓަކުން ޖުމްލަ 1715 ޓަނުގެ މަސްކިރާފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ. މިއިން މަސްވެރިންނަށް 28.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިދިޔަ ހަފްތާގައި އެންމެ ގިނައިން މަސްކިރުވާފައިވާފައި ވަނީ ކޫއްޑޫއަށެވެ. އެގޮތުން ކޫއްޑޫއަށް 1082 ޓަނުގެ މަސް ކިރުވާފައިވާއިރު 18.3 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. ދެން އެންމެ ގިނައިން ދޫކޮށްފައިވާ ފެލިވަރަށެވެ ފިޝަރީޒް ކޮމްޕްލެކްސް އަށެވެ. އެތަނަށް ކިރުވާފައިވަނީ 339 ޓަނުގެ މަހެވެ. އަދި އެތަނުން މަސްވެރިންނަށް މިމުއްދަތުގައި ދޫކޮށްފައިވަނީ 5.6 މިލިއަން ރުފިޔާއެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މިމުއްދަތުގައި ކިރުވާފައި ވަނީ 293 ޓަނެވެ. އަދި މަސްވެރިންނަށް 4.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިދިޔަ އަހަރު މިމުއްދަތާއި އަޅާ ބަލާއިރު ކޫއްޑޫ އަދި އައްޑޫއަށް މަސް ކިރުވި މިންވަރު ދަށްވި ނަމަވެސް، ފެލިވަރަށް މަސްކިރުވި މިންވަރު 13 އިންސައްތަ ވަނީ އިތުރުވެފައެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވަނީ މި ރޯދަމަހު މަހަށް ނިކުންނަ ދޯނިތައް މަދުވި ނަމަވެސް ބާނާ މަހުގެ ކޮލިޓީ ރަނގަޅުކަން ފާހަގަކޮށްފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 250 ޓަނު މަސް ކިރުވަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.