ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އާބަންކޯގެ ނަމުގައި ފޭކު ލިންކްތަކެއް ފޮނުވަމުން ދާތީ ސަމާލުވާން އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.
އާބަންކޯ އިން ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި ސްޕޭމް ކޯލްތަކާއި ޝައްކުކުރެވޭ ލިންކުތައް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ކޯޕަރޭޝަނުގެ ފަރާތުން މިފަދަ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށާއި އަދި މިފަދަ މެސެޖްތަކާއި ލިންކުތަކަށް ސަމާލުވުމަށް އާބަންކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން މީގެކުރިން ބުނެފައިވާ ގޮތުގައި މި ގޮތަށް ފޮނުވާ ލިންކުގެ ބޭނުމަކީ އީމެއިލް އެޑްރެސް ކޮމްޕްރޮމައިޒް ކޮށްލުމެވެ. ފޮނުވާ ލިންކަށް ފިތާލުމުން އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖެހުމަށް އާދެ އެވެ. މި މައުލޫމާތު ފުރިހަމަކޮށްފިނަމަ އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ސްކޭމް ހިންގާފަރާތްތަކަށް އެނގިގެންދެ އެވެ.
މިބާވަތުގެ ލިންކުތައް، ކުށްކުރާ މީހުން އެކި މުއައްސަސާގެ ނަމުގައި ތައްޔާރުކުރާ ކަމަށް ފުލުހުން ބުނެ އެވެ.
"މިސާލަކަށް، އެޗްޑީސީގެ ފަރާތުން ޕޯޓަލްއަޕްޑޭޓް ކުރުމަށް ނުވަތަ އެނޫންވެސް ސަބަބަކާހުރެ ކަމަށްބުނެ ފޮނުވާ ލިންކަށް ފިތާލުމުން، އެ ލިންކު ހުޅުވައިލާއިރު އެއީ އެޗްޑީސީގެ ވެބްސައިޓުކަމަށް ގަބޫލުކުރެވޭ ގޮތަށް ފަރުމާކޮށްފައިހުރެ އެވެ. އަދި ލިންކަށް ފިތާލުމުން ހުޅުވޭ ވެބްސައިޓަކީ ސައްހަނޫން ސައިޓެއްކަން ދެނެގަންނާނެ ގޮތް ގިނަ މީހުންނަށް ނޭނގި އަދި އެ ވެބްސައިޓަކީ ސައްހަ ވެބްސައިޓެއްކަމަށް އިތުބާރުކޮށް ލޮގްއިން ކުރަން ބޭނުންކުރާ މައުލޫމާތުދެވިފައި ހުންނަކަން ފާހަގަކުރެވިފައިވެ އެވެ." ފުލުހުން ބުނެ އެވެ.