Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ފިތުރު ނަމާދުގެ ބޮޑު ޖަމާއަތް އޮންނާނެ

މި އަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލެ ސަރަހައްދުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ވަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ބޮޑު ޖަމާތް އޮންނާނެ ތަންތަނާއި އެކަމުގައި ސަމާލުކަން ދޭންވީ ކަންތައްތަކެއް ފާހަގަކޮށް، އާންމުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި މާލޭގައި ބޮޑު ޖަމާއަތް އޮންނާނީ މާފަންނު ސްޓޭޑިއަމާއި އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދާއި ސަލްމާން މިސްކިތާއި މާބްލް ސަރަޙައްދުގައި ކަމަށެވެ. ހުޅުމާލޭގައި ބޮޑު ޖަމާއަތް އޮންނާނީ ހުޅުމާލެ ފޭސް 1 ގެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް 2ގެ ކްރިކެޓް ސްޓޭޑިއަމްގަ އެވެ. އަދި ވިލިމާލޭގައި ބޮޑު ޖަމާއަތް އޮންނާނީ އެ އަވަށު ފުޓްބޯޅަ ދަނޑުގަ އެވެ.

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމި ނަމަވެސް މޫސުން ތަން ނުދޭ ނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ވެސް ޢީދު ނަމާދުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެެވެ.

އީދު ނަމާދަށް ދާ އިރު ސަމާލުކަން ދޭންވީ ކަންތައްތައް:

* ކޮންމެ މީހަކު ވެސް ގެއިން ވުޟޫކޮށްގެން ދިއުން
* އަމިއްލަ މުޞައްލައެއް ގެންދިއުން
* އަމިއްލަ ފެންފުޅިއެއް ގެންދިއުން
* ފައިވާންލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެންދިއުން

މާލޭގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި ވެސް މިހާރު އީދު ނަމާދު ކުރަނީ ބޮޑު ޖަމާއަތުގަ އެވެ.

މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.