ރާއްޖޭގައި ފަހަކަށް އައިސް އޮޅުވާލައިގެން ހިންގަމުންދާ ސްކޭމްތައް ހުއްޓުވުމަށް ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޓާސްކް ފޯހެއް ހަދަން އަންގަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) އިން ފާސްކޮށްފި އެވެ.
އެ ކޮމެޓީން އިދާރާތަކަށް އެފަދަ ޓާސްކް ފޯހެއް ހަދަން އަންގަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ، ސްކޭމްތައް ނުހުއްޓުވި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިތުބާރު ގެއްލޭތީ ކަންބޮޑުވުން ފާޅުކުރައްވައި ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އެސްއޯ ކޮމެޓީން ދިރާސާކޮށް މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ރިޕޯޓްގައިވާ ހުށަހެޅުމުގައިވާ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އން އިސް ނަގައިގެން އުފައްދަން ޖެހޭ އެ ޓާސްކްފޯސް ވާން ޖެހޭނީ މަލްޓި-އޭޖެންސީ ޓާސްކްފޯހަކަށެވެ.
އެ ޓާސްކް ފޯހުން ސްކޭމް ހުއްޓުވުމަށްޓަކައި މަސައްކަތްކުރާނެ ނިޒާމެއް، ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާތަކާ އެކު މަސަައްކަތްކޮށްގެން ގާއިމްކުރަން ޖެހޭނެކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން އެ ރިޕޯޓް މަޖިލީހުން ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި ޓާސްކްފޯސް އުފައްދައި، ސްކޭމާ ދެކޮޅު ނިޒާމު ވެސް އެކުލަވައިލަން ޖެހޭނެ އެވެ.
ބީއެމްއެލްއެލާއި އެ ނޫން ވެސް ކުންފުނިތަކާއި އެކިއެކި އޮފިސްތަކުގެ ނަމުގައި ސްކޭމްތައް ހިންގާ މައްސަލަތައް މި ފަހުން ވަރަށް ބޮޑަށް އިތުރުވެ، އެފަދަ ކަންކަމަށް އާންމުން ފާރަވެރިވެ، ސަމާލުވެ ތިބުމަށް ފުލުހުން ތަކުރާރުކޮށް އިލްތިމާސްކޮށްފައިވެ އެވެ.