މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ އިތުރު ފަސް މަތިންދާބޯޓު ކުއްޔަށް ގެންނަން ނިންމައި އެ ބޯޓުތައް ދޫކުރާނެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި އެވެ.
ގައުމީ އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ކުރި އިއުލާނެއްގައި ބުނީ ބޭނުން ވަނީ މުޅިން އާ ނުވަތަ ބޭނުންކުރަމުން އަންނަ އޭޓީއާރު 42-600 މަރުކާގެ ފަސް ބޯޓް ކަމަށެވެ. އަދި މި ބޯޓްތައް ކުއްޔަށް ހޯދަން ބޭނުން ވަނީ 6-12 އަހަރާ ދެމެދުގެ މުއްދަތަކަށް ބުންޏެވެ.
އައިއޭއެސް އިން ބުނި ގޮތުގައި ކުއްޔަށް ނަގަން ބޭނުންވާ ފަސް ބޯޓްގެ ތެރެއިން އިން ތިން ބޯޓު ބޭނުން ވަނީ އޮޕަރޭޓިން ލީސް ނުވަތަ އެ އެއާލައިންގެ ދަތުރުތަކުގައި ބޭނުންކުރުމަށް ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ބޯޓުތައް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ތެރޭގައި ރާއްޖެ ގެންނަން ބޭނުންވެ އެވެ.
ފަސް ބޯޓްގެ ތެރެއިން ބޯޓު ބޭނުން ވަނީ ސޭލް އެންޑް ލީސް ބެކް (އެސްއެލްބީ) ނުވަތަ ކުންފުންޏެއްގެ މުދާ އެ ކުންފުންޏަކަށް ބޭނުންކުރެވޭ ގޮތަކަށް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަށް ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ބޯޓު މި އަހަރުގެ ފަހު ކުއާޓަރަށް ރާއްޖެ ގެންނަން ބޭނުންވެ އެވެ. އަދި ފަސް ވަނަ ބޯޓު ބޭނުން ވަނީ ފައިނޭންސް ލީސް ނުވަތަ އެހެން ބަޔަކު ހަރަދުކޮށްގެން ބޯޓު ގަތުމަށް ފަހު މޯލްޑިވިއަންއަށް ބޭނުންކުރުމަށް އެ ބޯޓު ކުއްޔަށް ދިނުމަށް ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ބޯޓު 2025 ގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ ގެންނަން ބޭނުންވާ ކަމަށް އައިއޭސް އިން ބުންޏެވެ.
އެހެންވެ މިކަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 4 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ހުށަހަޅާ ޕްރޮޕޯސަލްތައް ބެލުމަށް ފަހު، އެންމެ ރަނގަޅު ތިން ފަރާތެއް ހޮވައި އެ ފަރާތްތަކަށް އެކަން އަންގާނީ އަންނަ މަހުގެ 21 ގަ އެވެ.
މިހާރު މޯލްޑިވިއަންގެ ދަތުރުތަކަށް ދާދި ފަހުން ވެސް އޭޓީއާރްގެ ތިން ބޯޓް ގެނެސް އަންނަނީ ބޭނުން ކުރަމުންނެވެ.
އައިއޭއެސްގެ އަމާޒަކީ ކުންފުނީހެ ފްލީޓްގައި ހުރި ޑޭޝް މަރުކާގެ ބޯޓްތައް އެއްކޮށް ބަދަލުކުރުމެވެ. އެހެންވެ ފްލީޓުގައި ހިމެނޭ އެ މަރުކެ ނުވަ ބޯޓު، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ވިއްކާލަން ނިންމައި ގަންނާނެ ބަޔަކު ހޯދަން އިއުއާންކޮށްފައިވެ އެވެ.