Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

އަންހެނުންނަށް ނަފުސުގެ ސާބިތުކަން މުހިއްމު

އަންހެނުންނަށް މުޖުތަމަޢުގައި މުހިންމު ދައުރު އަދާކުރެވޭނީ އަމިއްލަ ނަފުސު ސާބިތުކަމާ އެކު ހުރެގެން ކަމަށް ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެ އެވެ.

"މުޖުތަމަޢުގެ ކުރިއެރުމުގައި މުސްލިމް އަންހެނާގެ ދައުރު" ގެ ނަމުގައި ރޭ ބޭއްވި އިހުޔާ ފޯރަމްގައި ވާހަކަ ދައްކަވަމުން އޭނަ ވިދާޅުވީ އަންހެނުންނަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބައިކަމަށާއި މުޖުތަމައުގައި އަންހެނުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން އަންހެނުންގެ މައްޗަށްވާ އާއިލީ ދައުރާއި، އިޖުތިމާޢީ ދައުރާއި އިގުތިސާދީ ދައުރާއި ސިޔާސީ ދައުރާއި ދީނީ ދައުރު ވެސް އޮތް ކަން ފާހަގަކުރައްވައި އެކަމް ކަމަށް ބައްލަވާލެއްވި އެވެ.

އިސްލާމީ ޝަރީޢަތް އައުމުގެ ކުރީގައި އަންހެނުންގެ ޙާލަތާއި އިސްލާމީ ޝަރީޢަތުގެ ފަހުން އަންހެނުންގެ ޙާލަތަށް އައި ބަދަލުތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވަމުން އަނާރާ ވިދާޅުވީ އިސްލާމީ ޝަރީޢަތް އައުމުގެ ކުރިން އަންހެން ކުދިން ދިރިތިއްބައި އަންހެނުންނަކީ ވާރުތަވާ ބައެއްގެ ގޮތުގައި ތިބި ކަމަށެވެ. އަންހެނުންނަކީ ހަމައެކަނި ފިރިހެނުންނަށް ޚިދުމަތްކުރުމަށް ލައްވާފައިވާ ބައެއް ކަމަށް އޭރު އެ މުޖުތަމަޢުތަކުގައި އޮންނަކަން ފާހަގަކުރެއްވި އެވެ.

ނަމަވެސް އިސްލާމީ ޝަރީޢަތް އައުމުން އިންސާނާ އަށް ދިރިހުރުމުގެ ޙައްޤާއި މުދާ މިލްކުކުރުމާއި އިލްމު އުނގެނުމާ މިފަދަ ވަރަށް މަތިވެރި ދަރަޖަތަކަށް އަންހެނުން ގެންގޮސް ދޭނެ އެތައް ޙައްޤެއް ލިބިގެން ދިޔަ ކަމަށް އަނާރާ ވިދާޅުވި އެވެ. އެގޮތުން އިންސާނީ ޙައްޤުތަކާއި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަން ކަނޑައެޅިގެން ދިޔަ ކަމަށް ވިދާޅުވި އެވެ. އަދި ދިރިހުރުމުގެ ޙައްޤާއި ތަޢުލީމު އުނގެނުމާއި ޚިޔާލުފާޅުކުރުމުގެ ޙައްޤާއި މި ހުރިހާ ޙައްޤުތަކެއް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް ލިބިގެން ދިޔަކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ޢިލްމު އުނގެނުމަށް އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށާއިއި އެހެންކަމުން އެ ކަންކަމުން އެނގިގެން ދަނީ އިސްލާމް ދީން އައުމުން އަންހެނުންނަށް ލިބިގެންދިޔަ ޤަދަރާއި މަތިވެރި ޝަރަފު ކަމަށް އަނާރަ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އިސްލާމީ ޝަރީޢަތާ އެކީ އަންހެނުންނަށް އިންސާފު ޤާއިމްވެގެން ދިޔަ ކަމަށެވެ.

މުޖުތަމަޢު ބިނާކުރުމުގައި އަންހެނުންގެ ދައުރަށް ބައްލަވަމުން އަންހެނުންނަކީ މުޖުތަމައުގައި ތަފާތު ދައުރު އަދާކުރާ ބައެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން އަންހެން ދަރިއެއްގެ ގޮތުގައިއާއި، ކޮއްކޮއެއް، ދައްތައެއް، އަނތްބެއް، މަންމައެއް، ނޫނީ މާމައެއްގެ ދައުރު މުޖުތަމައެއްގައި އަންހެނަކު އަދާކުރާ ކަމަށް އަނާރާ ވިދާޅުވިއެވެ.

އަދު މި ދައުރުތައް އަދާކުރެވޭނީ އަމިއްލަ ނަފްސު ސާބިތުކަމާ އެކު ހުރެގެންކަމަށް ވިދާޅުވެ އަޅުކަންތައް ބަރާބަރަށް އަދާކުރުމާއި، ނަފުސާނީ ދުޅަހެޔޮކަމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުން ފަދަ ކަންކަމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަންކަން ކަމަށް އަނާރާ ވިދާޅުވި އެވެ.