Last Updated: July 26, 17:27
Sunday, July 26, 2026
މުނިފޫހިފިލުވުން

މުތިއާގެ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި

ސްރީ ލަންކާގެ ކްރިކެޓް ލެޖެންޑް މުތިއާ މުރަލިތަރަންގެ ވާހަކަ ކިޔައިދޭން އިންޑިއާ އިން ހަދާ ބައޮގްރަފިކަލް ޑްރާމާގެ މޯޝަން ޕޯސްޓަރެއް ދައްކާލައިފި އެވެ.

ފިލްމުގެ ޕޯސްޓަރު ދައްކައިލީ މިއަދު ފާހަގަކުރާ މުތިއާގެ 51 ވަނަ އުފަން ދުވަހާ ގުޅުވައިގެންނެވެ.

މީގެ ދެ އަހަރު ކުރިން އިއުލާންކުރި ފިލްމުގެ ނަމަކީ "800" އެވެ. މިއަށް "800" ގެ ނަން ދިނީ މުތިއާ އަކީ ޓެސްޓް ވިކެޓްގައި މިހާތަނަށް 800 ހަމަކުރި ފުރަތަމަ ބޯލަރަށްވާތީ އެވެ. ފިލްމުގައި މުތިއާގެ ރޯލު ކުޅެނީ 2008 ގެ މަޝްހޫރު ފިލްމު "ސްލަމްޑޯގް މިލިއަނާ" ގެ ރޯލެއް ކުޅުނު އިންޑިއާގެ އެކްޓަރު މަދޫރު މިއްޓާލް، 32، އެވެ. އޭނަ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޖޫން 23 ގައި ރިލީޒްކުރާ އަޖޭ ދޭވްގަންގެ "މައިދާން" ހިމެނެ އެވެ.

އެންމެ ފުރަތަމަ "800" އިއުލާންކުރި އިރު، އޭގައި މުތިއާގެ ރޯލު ކުޅޭ ގޮތަށް އޮތީ އިންޑިއާގެ މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ އެވެ. އެކަމަކު ފިލްމާ ދެކޮޅަށް ތަމަޅައިންގެ ބަޔަކު ނުކުތުމުން އޭނަ ވަނީ ފިލްމު ދޫކޮށްލައިފަ އެވެ.

"800" ގެ ޑައިރެކްޓަރަކީ އެމްއެސް ސްރިޕަތީ އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ސައުތުގެ މަޝްހޫރު އެކްޓަރު ރާނާ ދަގޫބަތީގެ ފިލްމު ކުންފުނި ސުރޭޝް ޕްރޮޑަކްޝަންސް އާއި ދާރް ފިލްމްސް ގުޅިގެންނެވެ.

ލަންކާގައި އުފެދުނު އެންމެ ހުނަރުވެރި ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނެނު މުތިއާ ޓެސްޓް ކްރިކެޓުން ރިޓަޔާކޮށްފައި ވަނީ 2010 ގަ އެވެ. ލަންކާގެ ކެންޑީ އަށް އުފަން މުތިއާ ވަނީ ކްރިކެޓުން ލަންކާ އަށް ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދައި ދީފަ އެވެ. އޭނަ ގެ ވާހަކަ ކިޔައިދޭ ފިލްމެއް އިންޑިއާ އިން ހަދާ އިރު، މުތިއާ ވަނީ އިންޑިއާގައި ބާއްވާ އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ގައި އިންޑިއާގެ ޓިމްތަކަކަށް ވެސް ކުރިން ކުޅެ، ބައެއް ޓީމްތަކުގައ މެންޓޯއެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.