Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ރޮޒޭ އަށް ނަވާޒުގެ ރައްދެއް

ކ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ އަށް ކާމިޔާބުވުމަކީ މި އަހަރުގެ ރިޔާސީ އިންތިހާބު ވެސް އެ ޕާޓީ އަށް ފަސޭހަކަމާ އެކީ ކާމިޔާބުވާނެކަން ދައްކުވައި ދިން ކަމެއް ކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ކުރެއްވި ޓްވީޓަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ނަވާޒު ރައްދު ދެއްވައިފި އެވެ.

ރޮޒޭގެ ޓްވީޓްގައި ވިދާޅުވީ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް ހޯދި ކާމިޔާބީ އަކީ މުޅި ރާއްޖެ ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަލައިގެންފިކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

"[އެހެންވީމަ] ރިޔާސީ އިންތިހާބު ވެސް ފަސޭހަކަމާ އެކު ރައީސް ސާލިހު ކާމިޔާބުކުރައްވާނެ." އޭނަ ވިދާޅުވި އެވެ.

މީގެ ރައްދުގައި ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ސަރުކާރުގެ ވަސީލަތްތަކާ އެކީ ނުފޫޒު ފޯރުވައިގެން ކަމަށެވެ.

"ސަރުކާރުގެ ހުރިހާ ކޮޅުވެއްޓިޔަކާ ކްރޭނާއި ތިޖޫރީ ގެންގޮސްގެން 49 ޕަސެންޓް ލިބުނީމަ ރިޔާސީ ނިޒާމުގައި ރައީސްކަން ލިބޭ ގޮތަށްތޯ އޮންނަނީ؟" އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ފަހަރަށް ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން، ޕީޕީއެމް ބަލިކޮށް ކާމިޔާބުކުރި އިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ރައީސް ސޯލިހާ ދެކޮޅަށް ޖޭޕީއާ ގުޅިގެން ސިޔާސީ މަސައްކަތް ކުރައްވަމުންނެވެ. އަމިއްލަ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ނަޝީދު "ފިކުރެއްގެ ދިރުން" ފެކްޝަން ހައްދަވައިގެން ނުކުންނެވީ ރިޔާސީ ޕްރައިމަރީގައި ބަލިވެވަޑައިގަތުމާ ގުޅިގެންނެވެ.

އޭގެ ކުރިން ވެސް ނަޝީދު ގެންދެވީ ރައީސަށް ތާއީދު ނުކުރައްވާނެ ކަމަށާއި ރައީސް ސޯލިހާ އެކީ ކުރައްވާނެ ސިޔާސީ މަސައްކަތެއް ވެސް ނެތް ކަމަށް ވިދާޅުވަމުންނެވެ. ޖޭޕީއާ އެކީ ނަޝީދުގެ ފެކްޝަނުން މިހާރު އަންނަނީ އެ ޕާޓީގެ މެނިފެސްޓޯ އެކުލަވާލަން އެހީވަމުންނެވެ.