Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ފެނަކައިން ކުދި ވިޔަފާރިތަކަށް ފައިސާ ދެއްކުމަށް ގޮވާލާ ގަރާރެއް

މެންބަރު އާދަމް ޝަރީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފެނަކައިން ކުދި ވިޔަފާރިތަކާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ.

އާދަމް ޝަރީފް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ ބުނެފައިވަނީ ފަނަކައިން ވިޔަފާރީގެ މުއާމަލާތް ކުރުމަށްފަހު ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް 2.8 ބިލިއަނަށްވުރެއް ގިނަ އަދަދެއްގެ ފައިސާއިން ދަރާފައިވާ ކަމަށެވެ. އަދި އެ ފައިސާ ނުލިބުމުގެ ސަބަބުން އެ ކުދި ވިޔަފާރިތަކަށް މާލީ ދަތިތަކާ ކުރިމަތިވެ މުވައްޒަފުންނަށް މުސާރަނުދެވި އަދި ކުލިދެއްކުންފަދަ ކަންކަން ހަމަޖައްސަން ދަތިވެ ބައެއް ވިޔަފާރިތައް ހުއްޓި ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

މި ގަރާރުގައި ބައެއް ފަރާތްތަކުން ފެނަކަ އޮފީސް ދޮރުމަތީގައި މުޒާހަރާކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި ފެނަކައާމެދު ވިޔަފާރިތަކާއި އާންމުންގެ އިތުބާރުވެސް ގެއްލިފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ގަރާރުގައި ބުނެފައިވަނީ ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުލިބިވަނިކޮށް، ވެރިކަމުގެ މިދައުރު ނިމިއްޖެނަމަ، އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް އެ ވިޔަފާރިތަކަށް ލިބޭނޭކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ފެނަކައިން ކުދި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ނުދޭ ސަބަބާއި ފެނަކައިގެ ދަރަނި ބޮޑުވަމުންދާ ސަބަބާއި އެކަންކަމަށް ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ފެނަކައިގެ މެނޭޖްމަންޓް އޮޑިޓަކާއި ފައިނޭންޝަލް އޮޑިޓެއް ހަދައި ކައިރި މުސްތަގުބަލެއްގައި ދަރަނި އަދާކުރެވޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށްވެސް ގޮވާލާފައިވެއެވެ.

މީގެކުރިން މި މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް އެ މައްސަލަ ވަނީ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.

ފެނަކައިގެ ދަރަނި ބޮޑުވެ ކަންބޮޑުވުން އުފެދިފައިވާއިރު ސަރުކާރުން ބުނެފައިވަނީ، ފެނަކައިގެ ފަރާތުން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާތައް ދައްކާނެކަމުގެ ޔަގީންކަން ފެނަކައިގެ ފަރާތުން ދޭކަމަށެވެ.