Last Updated: July 26, 17:27
Sunday, July 26, 2026
މުނިފޫހިފިލުވުން

ދީޕިކާ އަކީ ފުރަތަމަ "އައިޝްވާރިއާ"

ބޮލީވުޑްގެ މިހާރު އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ދީޕިކާ ޕަދްކޯންގެ ފުރަތަމަ ފިލްމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ވަރަށް ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އެ ފިލްމަކީ އޭނަ ޝާހްރުކް ޚާނާ އެކީ ކުޅުނު 2007 ގެ "އޯމް ޝާންތީ އޯމް" ކަމަށެވެ.

ޔަގީނުން ވެސް ފަރާ ޚާން ޑައިރެކްޓްކުރި އެ ފިލްމަކީ ދީޕިކާ ވިދައިލި ފިލްމެވެ. އެކަމަކު އޭނަގެ ފުރަތަމަ ފިލްމަކީ "އޯމް ޝާންތީ އޯމް" އެއް ވެސް އަދި ހިންދީ ފިލްމެއް ވެސް ނޫނެވެ. އެ ފިލްމަކީ 2006 ގެ ކަންނާޑާ ރޮމޭންޓިކް ޑްރާމާ "އައިޝްވާރިއާ" އެވެ. އޭގައި ދީޕިކާ ޓައިޓްލް ރޯލު ކުޅުނު އިރު، މީގެ ލީޑް ކާސްޓްގައި ދެން ހިމެނެނީ އުޕެންދުރަ އާއި ޑެއިޒީ ބޯޕަންނާ އެވެ.

ސެޕްޓެމްބަރު 15، 2006 ގައި ރިލީޒްކުރި "އައިޝްވާރިއާ" އަކީ އިންދަރުޖީތު ލަންކޭޝް ޑައިރެކްޓްކުރި ކާމިޔާބު ފިލްމެކެވެ. މިއީ 2002 ގެ ތެލެގޫ ފިލްމު "މަންމަދުޑޫ" ގެ ރިމޭކެކެވެ.

ފާހަގަކޮށްލެވޭ ކަމަކީ "އޯމް ޝާންތީ އޯމް" އިން ބޮލީވުޑަށް ނުކުތާ އެކީ ދީޕިކާ ވަރުގަދަ ތަރިއަކަށްވުމުގެ ކުރިން މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ/އެކްޓަރު ހިމޭޝް ރޭޝަމިއާގެ ވީޑިއޯ ލަވައެއް ވެސް ކުޅުނު ކަމެވެ. އެއީ މިހާރު އުމުރުން 37 އަހަރުގެ ބަތަލާ މޮޑެލްކުރި ދުވަސްވަރު އެވެ.

ދީޕިކާ އަކީ މި އަހަރުގެ މިހާތަނަށް ރިލީޒްކުރި އެންމެ ކާމިޔާބު ބޮލީވުޑް ފިލްމު ކަމަށްވާ ޝާހްރުކްގެ "ޕަތާން" ގެ ބަތަލާ އެވެ. ކުރިއަށް ވެސް އޭނަގެ ވަރަށް ވަރުގަދަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެކައްޗަކީ ޕްރަބާސްއާ އެކީ ކުޅޭ "ޕްރޮޖެކްޓް ކޭ" އެވެ. އަދި އަނެއް ފިލްމަކީ ރިތިކް ރޯޝަނާ އެކީ ކުޅޭ "ފައިޓާ" އެވެ.

މީގެ އިތުރުން ދީޕިކާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަންއާ އެކީ ކުޅެން ހަމަޖެހިފައިވާ "ސިންގަމް އެގެއިން" ހިމެނެ އެވެ.

"ރާމް-ލީލާ" އާއި "ޔެ ޖަވާނީ ހޭ ދީވާނީ" އާއި "ބަޖިރާއޯ މަސްތާނީ" އާއި "ޕަދުމާވަތު" އާއި "ލަވް އާޖް ޖަލް" އާއި "ޗެންނައި އެކްސްޕްރެސް" ގެ އިތުރުން "ކޮކްޓެއިލް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ދީޕިކާ ވަނީ ހޮލީވުޑް ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ ވިން ޑީޒެލްގެ 2017 ގެ "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އެވެ.

ދީޕިކާ އަކީ އެކްޓަރު ރަންވީރު ސިންގްގެ އަންހެނުންނެވެ. ދެ ތަރިން ކައިވެނިކުރީ 2018 ގަ އެވެ.