Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

އައްޑު އަށް އަލުން ކާގޯ ފެރީ ފެށުމުގެ ވާހަކަތަކެއް

އަައްޑު އަށް ބޭރުން މުދާ ގެންނަން އަލުން ކާގޯ ދަތުރު ފަށަން ތައްޔާރީތައް ވަމުން އަންނަ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ބުނެފި އެވެ.

އެ ކުންފުނިން މިހާރު އަންނަނީ މި ދަތުރުތައް ފެށުމަށް ބޯޓެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ދެހާސް ވިހީގެ ފަހުކޮޅު އިންޑިއާގެ ޓުޓިކޮރިން އިން އައްޑު އާއި ހުވަދު އަށް ފެށި ދަތުރުތައް އެމްއެސްއެސް އިން އޮތީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ހުއްޓާލައިފަ އެވެ. އޭރު އެމްއެސްއެސް އިން ބުނެފައި ވަނީ ދަތުރުތައް ހުއްޓާލީ ދަތުރުތަކަށް ބޭނުންކުރި ބޯޓު ބާވެ، ހަދަން ޖެހޭ ބައެއް ސާވޭތައް ހެދެން ނެތުމުން ކަމަށެވެ.

ނަމަވެސް މި ފަހަރު އަލުން ދަތުރުތައް ފަށާ އިރު، އައްޑުއާ އެކީ ހދ. ކުޅުފުށީ ސަރަހައްދީ ބަނދަރަށް ވެސް ދަތުރުތައް ބާއްވަން ޕްލޭންކޮށްފައިވެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި އެމްއެސްއެސްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެޕްޓަން މުގައްމަދު ނާޒިމް ވިދާޅުވީ އައްޑު އާއި ދަތުރު ފެށުމަށް އެ ކުންފުނިން މީގެ މަހެއްހާ ދުވަސް ކުރިން ބޯޓެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ބޯޓަކީ ކުރިން ބޭނުން ކުރި ބޯޓަށް ވުރެ ކުޑަ އެކަމަކު އެކަށީގެންވާ ސައިޒްގެ ބޯޓެއް ކަަމަށެވެ.

ނާޒިމު ވިދާޅުވި ގޮތުގައި މި ފަހަރު ދަތުރު ފެށުމުގެ ކުރިން އެ ކުންފުނިން މިހާރު އެކަމާ ގުޅޭ ގޮތުން ވަރަށް ގިނަ ކަންކަން ބަލާފައިވާ ކަމަށާއި މި ފަހަރު ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރިއަށް ގެންދެވޭނެކަމުގެ އުންމީދު ވެސް ބޮޑު ކަމަށެވެ.

"ކުރީގައި އައްޑު އަށް އަޅުގަނޑުމެންގެ ޚިދުމަތް ދިނިން. އެ އޮޕަރޭޝަން ހުއްޓާލީ އެތަނުން އެ ވަރަށް މުދާ ނުލިބޭތީ ފީޒިބަލް ނޫންވެގެން. މިހާރު އަޅުގަނޑުމެން މި ބަލަނީ އެ އޮޕަރޭޝަން އެހެން މޮޑެލްއެއްގައި، ވަޔަބަލް މޮޑެލްއެއްގައި ފެށޭތޯ،" އޭނާ ވިދާޅުވި އެވެ. "އެ އޮޕަރޭޝަން ފަށަންވެގެން އައްޑު އާއި ކުޅުދުއްފުށީ ބަނދަރަށް ކޭޓަ ކުރެވޭނެ ކަހަލަ އެހެން ބިޒްނަސް މޮޑެލްއެއްގައި ފެށުމަށް އަޅުގަނޑުމެން މިހާރު މަސައްކަތްތަކެއް ކުރަމުން މި ދަނީ."

މި ދަތުރުތައް ފެށުމަށް ރާއްޖެ ގެންނަ ބޯޓު ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ވެސް ނާޒިމު ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ ދަތުރުތައް ފެށުމާ އެކީ ދުނިޔޭގެ ކޮންމެ ތަނަކުން ވެސް އައްޑު އަށް ނުވަތަ ކުޅުދުއްފުށްޓަށް މުދާ ބުކްކުރެވޭނެ ކަމަށެވެ. އެހެންވެ މާލެ އިން ކުޅުދުއްފުށްޓަށް ނުވަތަ އައްޑުއަށް މުދާ އުފުލުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ލިބޭނެކަމަށް ވިދާޅުވި އެވެ.