ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޝެލްއިން ސިންގަޕޫރުގައި އެލެކްޓްރިކް ފެރީގެ ހިދުމަތް ފަށައިފިއެވެ.
ޝެލް ކުންފުނިން އެލެކްޓްރިކް ފެރީއެއް ތައާރަފްކޮށްފައި މިވަނީ ސިންގަޕޫރުގެ ޕޯޓް އޮތޯރިޓީން، އެޤައުމުގައި ބޭނުން ކުރާ ފެރީތައް ނެޓް ޒީރޯ، ނުވަތަ ބައޯ ފިއުލް ނުވަތަ އެލެކްޓްރިކް އުޅަނދުތަކަށް 2030 ގެ ފަހުން ބަދަލު ކުރުމަށް ނިންމާފައިވާ ނިންމުމަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
މިގޮތުން ޝެލް ކުންފުނިން ތައާރަފް ކުރި ފުރަތަމަ ފެރީ ދަތުރު ކުރާނީ ސިންގަޕޫރުގެ ވަކިން އޮންނަ ރަށެއް ކަމަށްވާ ޕުލާއު ބުކޮމް އާއި ސިންގަޕޫރުގެ މައި ރަށާއި ދެމެދުއެވެ. ޕުލާއު ބުކޮމް އަކީ ޝެލް ކުންފުނީގެ ރިފައިނަރީއެއް ޤާއިމް ކުރެވިފައިވާ ރަށެކެވެ.
ޖުމްލަ 200 މީހުން މި ފެރީން ޝެލްގެ ރިފައިނަރީގައި މަސައްކަތް ކުރާ މުވައްޒަފުން އެ ރަށާއި ސިންގަޕޫރު ޕޯޓާއި ދެމެދު އުފުލާ ހަދާނެއެވެ. މީގެއިތުރުން އިތުރު ދެ ފެރީ އަންނަ އޮގަސްޓް މަހަށް ނެރޭނެ ކަމަށް ޝެލް ކުންފުނިން ހާމަކުރެއެވެ. މިއާއެކު ޝެލް ކުންފުނިން ބޭނުން ކުރަމުންދާ ޑީސެލް ފެރީތައް އެއްކޮށް ދޫކޮށްލާނެއެވެ.
ޝެލް އީސްޓަން ޓްރޭޑިންއާއި ސިންގަޕޫރުގެ މެރިޓައިމް ޕޯޓް އޮތޯރިޓީން ދަނީ، އެލެކްޓްރިކް ފެރީތައް ޗާޖް ކުރާނެ ވަސީލަތް ޤާއިމް ކުރުމާއި، އަދި މި ދައިރާއިން އިތުރު ދިރާސާތައް ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭ ފެރީ ޗާޖް ކުރެވޭނެ ނިޒާމާއި އަދި އިތުރު ވަސީލަތްތައް ޕޯޓްގައި ޤާއިމް ކުރުމަށް މަސައްކަތް ކުރެވޭނެއެވެ.
ޝެލް ކުންފުނިން ދަނީ އެކުންފުނީގެ އުޅަނދެއްގައި ހައިޑްރޮޖެން ފިއުލް ސެލްއެއް ވެސް މިއަހަރު ފަހުކޮޅު ޓެސްޓް ކުރުމަށް މަސައްކަތް ކުރަމުންނެވެ.