ސާރާ އަލީ ޚާނާއި ޖާންވީ ކަޕޫރާ އެކީ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް އަނަންޔާ ޕާންޑޭ ބުނެފި އެވެ.
އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅާއި ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ޖާންވީ އަކީ ވަރަށް ގާތް ތިން އެކުވެރިންނެވެ.
އަނަންޔާ ބުނީ އޭނަ އާއި ސާރާ އަދި ޖާންވީ ހިމެނޭ ފިލްމެއް ޑައިރެކްޓަރަކު އޮފާކުރޭތޯ ވަރަށް އިންތިޒާރު ކުރެވޭ ކަމަށެވެ. އަދި އެފަދަ ޕްރޮޖެކްޓެއް ލިބިއްޖެ ނަމަ އެކަން ވާނީ ވަރަށް ހާއްސަ ކަމަކަށް ކަމަށް ވެސް ބުންޏެވެ.
"ވަރަށް ބޭނުން އެ ދެ މީހުންނާ އެކީ ސްކްރީން ހިއްސާކޮށްލަން. އެފަދަ ޕްރޮޖެކްޓެއް ލިބިއްޖެ ނަމަ އެއީ އަހަރެމެން ތިން މީހުންނަށް ވެސް އެއީ ސެޓްގައި އެކީގައި ވަރަށް މަޖާކޮށްލަން ވެސް ލިބޭނެ ފުރުސަތަކަށް ވާނެ." އަނަންޔާ ބުންޏެވެ. "ސާރާ އާއި ޖާންވީ އަކީ ވެސް އަހަރެން ގަބޫލުކުރާ ގޮތުގައި ވަރަށް ހުނަރުވެރި ބަތަލާއިންތަކެއް."
އަނަންޔާ ބޮލީވުޑަށް ނުކުތީ 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ލައިގާ" އެވެ. ސާރާ ބޮލީވުޑަށް ނުކުތީ 2018 ގެ "ކޭދަރުނާތު" އިންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ "ގޭސްލައިޓް" އެވެ. ޖާންވީގެ ފުރަތަމަ ފިލްމަކީ 2018 ގެ "ދަޅަކް" އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "މިލީ" އެެވެ.
ޖާންވީ އާއި ސާރާ އަދި އަނަންޔާގެ ވެސް ކުރިއަށް ޝައުގުވެރި ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ.