އައްޑޫ މަގުހެދުމުގެ ޕްރޮޖެކްޓާއި ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނި ވިއްކާލިނަމަވެސް ޕްރޮޖެކްޓްތަކަށް އަސަރެއް ނުކުރާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އެފްކޮންސް ވިއްކާލަން ނިންމުމާ ގުޅިގެން އެކަމުން ރާއްޖޭގައި އެކުންފުނިން ހިންގާ ޕްރޮޖެކްޓްތަކަށް ކުރާނެ އަސަރަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެ ކުންފުނީގެ ޝެއާ ވިއްކާލުމުގެ ވާހަކަތަކެއް ދެކެވޭ ކަމަށެވެ. އަދި އެފްކޮންސް ވިއްކާލިނަމަވެސް ރާއްޖޭގައި ކުރިއަށްގެންދާ އެއްވެސް ޕްރޮޖެކްޓަކަށް އަސަރެއް ނުކުރާނެކަން ޔަގީން ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިފަދަ ކަންކަމަކީ ދުނިޔޭގައި އަލަށް ހިނގާ ކަންކަން ނޫންކަމަށެވެ.
މިކަމާ ގުޅިގެން މިސާލެއްގެ ގޮތުން އަސްލަމް ވިދާޅުވީ ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ކުންފުނީގެ އޯނަރުން ކިތަންމެ ފަހަރަކު ބަދަލުވެފައިވާ ކަމަށާއި އެހެންނަމަވެސް ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަނަށް ހުއްޓުމެއް ނާންނަ ކަމަށެވެ.
ތިލަމާލެ ބްރިޖާއި އައްޑޫ މަގުތައް ހެދުމުގެ ޕްރޮޖެކްޓް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް ވިއްކާލާ ކަމަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާއިރު އެ ކުންފުނި ވިއްކާލުމުން ޕްރޮޖެކްޓްތަކަށް ވާނެ ގޮތަކާމެދު އިދިކޮޅުން އަންނަނީ ސުވާލު އުފެދެމުންނެވެ. އެހެންނަމަވެސް ސަރުކާރުންވެސް ބުނެފައިވަނީ އެކަމުގެ ސަބަބުން ޕްރޮޖެކްޓްތަކަށް އަސަރެއް ނުކުރާނެ ކަމަށެވެ.