ރާއްޖޭގައި ޕްރޮޖެކްޓްތައް ހިނގަމުްނދާވަރުން ތިބީ އޯވަލޯޑްވާ ހިސާބުގައި ކަމަށާއި އެކަމާ ގުޅިގެން މަސައްކަތުގައި ލަސްތަކެއް ހުންނަކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވަނީ ޅޮހީ ބަނދަރުގެ އަމަލީ މަސައްކަތް ފެށުން ލަސްވާ ސަބަބާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މަސައްކަތް ލަސްވުމަށް ދިމާވާ ބައިވަރު ސަބަބުތައް ހުންނަ ކަމަށާއި، އެގޮތުން އެއްކަމަކީ ދެފުށް ފެންނަ ގޮތުގައި މަސައްކަތް ކުރިއަށް ގެންދަން ހަދާފައިވާ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކުރަންޖެހޭ ކަަންކަން ކަމަށެވެ. އެގޮތުން ޓެންޑަރިން ޕްރޮސެސް، ސްޓެންޑްސްޓިލް ޕީރިއަޑާއި، ކޮންސަލްޓޭޓިވް ޕްރޮސެސް އަދި އީއައިއޭ އަށް ވަގުތު ހޭދަވާކަން އަސްލަމް ފާހަގަކުރެއްވިއެވެ. އަސްލަމް ވިދާޅުވީ ޕްރޮސެސް އާ އެއްގޮތަށް އަމަލުކުރުމުން އޭގެތެރޭގައި އަންނަ ޑިލޭތައް ހުންނަކަމަށެވެ.
އޭގެއިތުރުން މަސައްކަތް ކުރުމުގައި ކެޕޭސިޓީ ހުންނަ މިންވަރުންވެސް ޕްރޮޖެކްޓްތައް ޑިލޭވާކަން ފާހަގަކުރެއްވިއެވެ.
"އެމްޓީސީސީވިޔަސް އަދި އެހެން ކުންފުނިތައްވިޔަސް މިހާރު ރާއްޖޭގައި މަސައްކަތްތައް ހިނގަމުންދާ ވަރުން، ހަމަ މިތިބީ އޯވަލޯޑު ވާހިސާބުގައި. އެހެންވީމާ މަސައްކަތުގައި އުޅޭ ލަސްވާ ލަސްވުންތަކެއް. އަދި ބައެއްފަހަރު އެމީހުންގެ ފައިނޭންޝަލް ޑިފިކަލްޓީޒްއާހެދި އަންނަ މައްސަލަތައްވެސް ހުރޭ" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވި ބައެއް ޕްރިޖެކްޓްތައް ލަސްވުމަށް މެދުވެރިވުމަށް ބައިވަރު ކަންކަން ދިމާވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް މިނިސްޓަރު އަސްލަމާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ގިނަ މެންބަރުން ވަނީ އެ ބޭފުޅުންގެ ދާއިރާތަކުގެ ގިނަ މަސައްކަތްތަކެއް ލަސްވާތީ އެކަންކަން ކުރިއަށްދާނެ ތާރީހުތަކާ އަދި އެ ޕްރޮޖެކްޓްތައް އޮތް ހިސާބާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.