Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ތިލަމާލެ ބުރިޖުގެ ކޮލިޓީއާ ގުޅޭ މައްސަލައެއް ފާހަގަނުކުރޭ

ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ތިލަމާލެ ބުރިޖުގެ ކޮލިޓީއާ ގުޅޭގޮތުން އިންޖިނޭރަކު މައްސަލަލައެއް ފާހަގަކޮށްފައި ނުވާކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ބުރިޖު މަސައްކަތުގެ ކޮލިޓީއާ މެދު ރާއްޖޭގެ އިންޖިނޭރުންތަކެއް ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަ ކޮށްފައެވެ. އަދި އެ ކަންބޮޑުވުން ބައިނަލްއަގުވާމީ ފަރާތްތަކުގެ މެދުގައިވެސް އޮތް ކަމަށް ވިދާޅުވިއެވެ.

އެސުވާލާ ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަންވާނީ ބުރަދަންދޭ ހެެއްކާއެކު ކަމަށެވެ. އަދި ބްރިޖްގެ މަސައްކަތުގެ ކޮލިޓީއާ ގުޅިގެން އެއްވެސް އިންޖިނޭރަކު ސުވާލު އުފައްދާފައިވާކަން އެނގިފައިނުވާކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑެއް އަދި މިހާތާކަށެއް، އެއްވެސް އިންޖީނިއަރަކު އައިސް އަޅުގަނޑާ އެވާހަކަ ކޮންސާނެއްގެ ގޮތަށް ރެއިޒްކުރި އަޑެއް ނާހަން. އަދި ރާއްޖެއިން ބޭރުގެ ބަޔަކު އެކަހަލަ ވާހަކައެއް ދެއްކި ވާހަކައެއްވެސް ނާހަން." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އެފަދަ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއަކާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކާއިރު، ޒިންމާދާރު ގޮތަކަށް ވާނީ ހެއްކާއެކު އެވާހަކައެއް ދެއްކެވުންކަމަށް ދެކޭޭކަމަށެވެ.

ތިލަމާލެ ބުރިޖުގެ ކޮލިޓީއާ ގުޅޭގޮތުން އިންޖިނޭރުންތަކެއް ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށް މެންބަރު ސައީދު ވިދާޅުވިއިރު، އަދި މިހާތަނަށް އެފަދަ ވާހަކައެއް މީޑިއާގެ ސަމާލުކަމަށް އައިސްފައެއްނުވެއެވެ. އެހެންނަމަވެސް ބުރިޖުގެ މަސައްކަތާއި ގުޅޭގޮތުން އާންމުން އެކި ގޮތްގޮތުން ސޯޝަލްމީޑިއާގައި ހިޔާލުފާޅުކުރަމުން ގެންދެއެވެ. އަދި އެ މަޝްރޫއު ލަސްކަމަށް ބުނެވެސް ޝަކުވާކުރެއެވެ.