Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ޔަމަނު މައްސަލަ ހައްލުކުރަން ސައުދީ އަށް ރާއްޖެއިން ތާއީދު

ފޮޓޯ: ރައީސް އޮފީސް

ޔަމަނުގެ މައްސަލައަށް ފުރިހަމަ ސިޔާސީ ހައްލެއް ހޯދުމަށް ސައުދީ އަރަބިއާއިން އިސްވެ ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ފުރިހަމަ ސިޔާސީ ހައްލެއް ހޯދުމަށްޓަކައި ސައުދީ އަރަބިއާއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާކަމަށެވެ.

އެގޮތުން ފޮރިން މިނިސްޓްރީން ވަނީ ސައުދީން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިސްވެ ހުންނަވައި ޔަމަނުގައި އޭޕްރިލް 8 އިން 13 އަށް ބޭއްވި ބައްދަލުވުންތައް ފާހަގަކޮށް އެކަމަށް މަރުހަބާ ކިޔާފައެވެ. މިބައްދަލުވުންތަކަކީ ޔަމަނުގެ މަސްރަހަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށް ބިނާކުރެވިގެންދިޔަ ބައްދަލުވުންތަކެއްކަން ފާހަގަކޮށްފައެވެ.

މީގެއިތުރުން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ޔަމަނުގައި ތަރައްޤީއާއި ފާގަތިކަމާއި ސުލްހައާއި ހަމަޖެހުން ޤާއިމުކުރުމަށް ޔަމަނުގެ ރައްޔިތުން ދެކެމުންދާ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށްޓަކައި ކުރެވެމުން އަންނަ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދިނުމަށް ޔަމަނުގެ ޤާނޫނީ ސަރުކާރަށާއި ހޫތީންނަށް ގޮވާލާ ކަމަށެވެ.