Last Updated: July 15, 18:06
Thursday, July 16, 2026
ޚަބަރު

ދޭންވީ އުފާވެރިކަމުގެ މެސެޖު، ބިރުގަންނުވާކަށް ނުޖެހޭ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް - ރައީސް އޮފީސް

އިލްމުވެރިން ދޭންވީ އުފާވެރިކަމުގެ މެސެޖު ކަމަށާއި ކުދިކުދި ކަންކަން ނަގައިގެން އެއީ ފާފައެއް ކަމަށް ބުނެ މީހުން ބިރުގަންނުވަން ނުޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން ފައުންޑޭޝަންގެ ފަރާތުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ މީހުންނަށް ދޭންވާނީ އުފާވެރިކަމުގެ މެސެޖު ކަމަށާއި މީހުން ހިތްދަތިވާ ކަހަލަ ވާހަކަ ދައްކަން ނުޖެހޭ ކަމަށެވެ. އެގޮތުން ދީނަށް އުޅުމުން ލިބޭނެ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ވާހަކަ އިލްމުވެރިން ބަޔާންކޮށްދޭންޖެހޭ ކަމަށާއި ނަމަވެސް ދީނުގެ ނަމުގައި ވާހަކަދައްކާ ބައެއް ބޭފުޅުންނަށް ބުނެވޭ އެއްޗެހިތަކުން މި އުސޫލުތައް ނުހިފެހެއްޓޭތަން ފެންނަމުންދާ ކަމަށް މައުމޫން ވިދާޅުވި އެވެ.

މިސާލަކަށް އަންހެނަކު ގައިން އިސްތައްޓެއް ވަކިކުރުމަކީ ވަރަށް ބޮޑު ޙަރާމްކަމެކޭ، ވަރަށް ބޮޑު ފާފައެކޭ އެކަން ކޮށްގެން ނުވާނެއޭ ނުވަތަ އެފަދަ ކުދި ކުދި ކަންތައްތަކުގެ ވާހަކަ. މިއީ ކޮންތާކުން އެބޭފުޅުން (އިލްމްވެރިން) ގެންނަވާ ވާހަކަތަކެއް ކަމެއް ނޭނގޭ. އެކަހަލަ ވާހަކަ ދެއްކީމަ މިވާގޮތަކީ އާދައިގެ މީހުންގެ ހިތުގައި އިސްލާމްދީނާއި މެދު އެހެން ކަހަލަ ޝުއޫރުތަކެއް އުފެދޭނީ، ނަފުރަތު އުފެދޭނީ. މިކަހަލަ ކުދި ކުދި ކަންތައްތައް ބޮޑެތި ފާފަތަކަށްވާތީ، އެއީކީ ނޫން އަޅުގަނޑުމެން ކަންތައް ކުރަންވީ ގޮތަކީ." މައުމޫން ވިދާޅުވި އެވެ.

އިލްމުވެރިން ބުނެދޭންވީ ދީނުގައި އޮތް ލުއިފަސޭހަކަމާއި ދީނުން ލިބޭ ތަނަވަސްކަމާއި ރަހުމަތާއި ހިތްހަމަޖެހުން ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ދީނުގައި ހުރި ކުދި ކުދި ކަންތައްތައް ނަގައިގެން މިއީ ވަރަށް ބޮޑު ފާފައެކޭ، މިކަން ކޮށްފިއްޔާ ދާނީ ނަރަކައަށޭ. އެހެން ބުނުމަކީ އަޅުގަނޑު ދެކޭގޮތުގައި އިސްލާމްދީނުގެ ޙުކުމްތައް ބަޔާންކޮށްދެއްވާ ބޭފުޅުން ކަންތައްތައް ކުރައްވަންވީ ގޮތެއް ނޫން." މައުމޫން ވިދާޅުވި އެވެ.

މި ޒަމާނުގައި ހުރިހާ އެންމެންނަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ހުޅުވިފައިވާއިރު ދީނުގައި ކަންކަން އޮންނަ ލުއިފަސޭހަ ގޮތާއި އެކަމުން ލިބޭނެ އަރާމާއި ރަހުމަތާއި ތަނަވަސްކަމުގެ ވާހަކަ ބަޔާންކޮށްދޭންޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ކުދިކުދި ކަންކަން ނަގައިގެން އެއީ ވަރަށް ބޮޑު ފާފައެކޭ ކިޔައިގެން މީހުންނަށް ބިރު ދެއްކުމަކީ، ބިރު ގެންނެވުމަކީ އިސްލާމްދީނުގެ ރިސާލަތުގެ ތެރެއިންވާ ކަމެއް ނޫން." މައުމޫން ވިދާޅުވި އެވެ.