Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

"ޝިޕް ހުރަވީ" ގެ ބަދަލުގައި އާ އުޅަނދެއް

އެމްއެންޑީއެފް ކޯސްޓްގާޑު "ޝިޕް ހުރަވީ" ގެ ބަދަލުގައި އިންޑިޔާ ސަރުކާރުން ދިން އާ އުޅަނދު ޝިޕް މާލެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް ފްލީޓްގައި އޮތް އެންމެ ބޮޑު އަދި ޢަސްކަރީ ގޮތުން އެންމެ ޤާބިލް އުޅަނދު ކަމަށްވާ، ކޯސްޓްގާޑް "ޝިޕް ހުރަވީ" އަކީ އޭޕްރީލް 16، 2006 ގައި އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އެއްޗެކެވެ.

އެ ދުވަހުން ފެށިގެން އެ އުޅަނދު ކޮންމެ ދެ އަހަރަކުން ރީފިޓްކޮށް މަރާމާތުކޮށް ދެމުން ދިޔައީ ވެސް އިންޑިޔާގެ ހިލޭ އެހީގަ އެވެ. އެގޮތުން މިހާތަނަށް ހަ ފަހަރެއްގެ މަތިން "ޝިޕް ހުރަވީ" އިންޑިޔާގެ ނޭވަލް ޑޮކްޔާޑުގައި ރީފިޓްކޮށް މަރާމާތުކޮށްފައިވެ އެވެ.

މީގެ އިތުރުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށްޓަކައި އިންޑިޔާ ސަރުކާރުން 2019 ވަނަ އަހަރު ވަނީ އިތުރު އުޅަނދެއް (ސީޖީ ކާމިޔާބު) ވެސް ހަދިޔާކޮށްފަ އެވެ

"ޝިޕް ހުރަވީ".

ކޯސްޓްގާޑް "ޝިޕް ހުރަވީ" ޚިދުމަތުގައި ގިނަ ދުވަސްތަކެއްވެފައިވާތީ، ހުރަވީގެ ބަދަލުގައި އިތުރު އުޅަނދު ފަހަރު ހޯދާ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެހެންވެ އާ އުޅަނދަކީ އެކަމަށް އެހީތެރިވުމުގެ ގޮތުން އިންޑިޔާ ސަރުކާރުން ހަދިޔާކުރި އެއްޗެކެވެ.

އެ އުޅަނދު މާލެ އައީ މި މަހުގެ 15 ވަނަ ގަ އެވެ. އަދި މި އުޅަނދު ރަސްމީކޮށް އެމްއެންޑީއެފާ ޙަވާލުކުރުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން އަންނަނީ ކުރަމުންނެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި އުޅަނދު ރަސްމީކޮށް ހަވާލުކުރުމަށް ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތަކާއި އަދި މިއުޅަނދަށް އައްޔަންކުރެވޭ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިއްމު މެޝިނަރީ އަދި އިކްއިޕްމެންޓްތަކާއި އޮޕަރޭޓިން ޕްރޮސީޖާތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީން ޕްރޮގްރާމް އަންނަނީ ހިންގަމުންނެވެ.

ދެ ހަފުތާ އަށް ރޭވިފައިވާ މި ތަމްރީން ޕްރޮގްރާމް ނިމި ރަސްމީކޮށް އުޅަނދު ހަވާލުކުރުމުގެ ކަންކަން ނިމުމުން އެ އުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީގެ ކުރޫ އަނބުރާ އިންޑިޔާ އަށް ދާނެ އެވެ.

މިފަހަރު އިންޑިޔާއިން ހަދިޔާކުރާއުޅަނދަކީ "ޝިޕް ހުރަވީ" އަށް ވުރެ ބޮޑު، އޮޕަރޭޝަނަލް ޤާބިލްކަން އިތުރު، ފަހުގެ އުޅަނދެއްކެވެ. އެ އުޅަނދު އެމްއެންޑީއެފަށް ހަދިޔާކުރުމާއެކު ކޯސްޓްގާޑު "ޝިޕް ހުރަވީ" ޑީކަމިޝަންކުރެވޭނެ އެވެ.