Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

ތަފާތު ކާސްޓަކާ އެކީ "ދަޅަކް 2" ހަދަނީ

ކަރަން ޖޯހަަރްގެ ދަރުމާ ޕްރޮޑަކްޝަނުން މީގެ ފަސް އަހަރު ކުރިން ގެނެސްދިން ފިލްމު "ދަޅަކް" ގެ ދެވަނަ ބައި މުޅިން ތަފާތު ކާސްޓަކާ އެކީ ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރާއި ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ހައްތަރު ބޮލީވުޑަށް ނެރުނު 2018 ގެ އެ ފިލްމަކީ ޝިޝާންކް ކައިތާން ޑައިރެކްޓްކުރި އެއްޗެކެވެ. އަދި "ދަޅަކް" އަކީ 2016 ގެ މަރާޓީ ފިލްމު "ސައިރާތު" ގެ ރިމޭކެކެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި "ދަޅަކް 2" ގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، އޭގެ ލީޑަށް ނަގާފައި ވަނީ ޒުވާން ދެ ތަރިން ކަމަށްވާ ސިދާންތު ޗަތުރަވެދީ އާއި ޓްރިޕްތީ ދިމްރީ އެވެ. ސިދާންތަކީ މިދިޔަ އަހަރު ދަރުމާ އިން ގެނެސްދިން ދީޕިކާ ޕަދްކޯންގެ ފިލްމު "ގެހަރާއިޔާ" ގެ އެއް ބަތަލެވެ.

"ދަޅަކް 2" ގެ ބަތަލާއަަކަށް ޓްރިޕްތީ ހަމަޖެއްސި އިރު، ދަރުމާ އިން މި އަހަރުގައި ޖުލައިފައި ވިކީ ކޯޝަލާ އެކީ ގެނެސްދޭން ހަމަޖެހިފައިވާ ލޯބީގެ ފިލްމެއްގެ ބަތަލާ އަކީ ވެސް "ބުލްބުލް" އާއި "ގަލާ" ފަދަ ފިލްމުތައް ކުޅުނު ޓްރިޕްތީ އެވެ. އަދި ނަން އިއުލާން ނުކުރާ އެ ފިލްމު އޮތީ މިދިޔަ އަހަރު ޝޫޓިން ނިންމައިފަ އެވެ.

މި އަހަރުގެ އޮގަސްޓް 11 ގައި ރިލީޒްކުރާ ރަންބީރް ކަޕޫރްގެ "އެނިމަލް" ގެ ކާސްޓްގައި ވެސް ޓްރިޕްތީ ހިމެނެ އެވެ.

ޕިންކްވިލާ އިން ބުނީ ސިދާންތާއި ޓްރިޕްތީ ހިމަނައިގެން "ދަޅަކް 2" ހަދާނީ އަލަށް ޑައިރެކްޝަނަށް ނުކުތް ޝާޒިއާ އިގްބާލް ކިޔާ މީހެއް ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން މި އަހަރުގެ މެދު ތެރޭގައި ފަށާނެ ކަމަށް ބުންޏެވެ.

އެކަމަކު ދަރުމާ އިން މިކަމާ ބެހޭ ގޮތުމް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.