ސަރުކާރުން ސަބްސިޑީއެއް ނުލިބި ޓިކެޓް އަގު ހެޔޮ ނުކުރެވޭނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވިއަން އިން އެތެރޭގެ ދަތުރުތަކުގެ ޓިކެޓްގެ އަގުތައް ބޮޑުކޮށްފައިވާ މައްސަލައާ ގުޅިގެން އެ ކުންފުނީގެ އިސްވެރިން ވަނީ އިއްޔެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ އަށް ހާޒިރުކުރުމުން އެ ބައްދަލުވުގައި މިހާދު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދާ އެއްގޮތަށް އެތެރޭގެ އުދުންތަކުގެ އަގު ކުޑަ ކުރީ 2019 ގައި ކަމަށެވެ.
އެގޮތުން އެ އަހަރު ސަރުކާރުން ސަބްސިޑީގެ ގޮތުގައި 35 މިލިއަން ރުފިޔާ ދިން ކަމަށާއި އެކަމަކު ސަބްސިޑީއާ އެކީ ވެސް އެ އައިއޭއެސް އަށް 126 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށް ވިދާޅުވި އެވެ. މިހާދު ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް ފާއިތުވި ދެ އަހަރު ސަރުކާރުން ސަބްސިޑީއެއް ނުލިބެ އެވެ. އަދި ޓިކެޓްގެ އަގު ބޮޑު ކުރަން ޖެހުނީ އެ ސަބަބާ ހުރެ ކަމަށް ވިދާޅުވި އެވެ.
"ކުންފުނީގެ ހާލަތު މި ގޮތަށް ކުރިއަށް ގެންދިއުމަކީ ވަރަށް ދަތިކަމަކަށް ވާނެ އަދި އަމުދުން އެތެރޭގެ އުދުހުމުގެ އަގުތައް ކޮންޓްރޯލް ކުރެވި، އޭގެ ސަބްސިޑީއެއް ނުދެވޭހާ ހިނދެއްގައި،" މިހާދު ވިދާޅުވި އެވެ. "އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވީހާ ވެސް މި އަގުގައި ހިފަހައްޓައި ރައްޔިތުންނަށް ހިދުމަތްތައް ރަނގަޅަށް ފޯރުކޮށްދީ، އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް."
އޭނަ ވިދާޅުވި ގޮތުގައި ޓިކެޓުގެ އަގު ބޮޑުކުރަން މަޖުބޫރުވީ ކުންފުނީގެ މާލީ ހާލަތު ދަށްވެ، ހިންގުމުގެ ހަރަދު ބޮޑުވުމުންނެވެ. އެގޮތުން ޖެޓް ފިއުލް އަގުބޮޑުވުމާއި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދަތުރުކުރަން ޖެހޭ އެއާޕޯޓްތައް އިތުރުވުމުން މުވައްޒަފުބް ނަގަން ޖެހުން ފަދަ ކަންކަން ހިމެނެ އެވެ.
މޯލްޑިވިއަން އިން ޑޮމެސްޓިކް ދަތުރުތަކުގެ ޓިކެޓްގެ އަގުތައް ބޮޑުކޮށްފައިވާ މައްސަލައާ ގުޅޭގޮތުން، އެ ކުންފުނީގެ ބޭފުޅުންނާ، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއިން ބައްދަލުކުރުން pic.twitter.com/REXsnUob8I
— People's Majlis (@mvpeoplesmajlis) April 17, 2023
މީގެ އިތުރުން އައިއޭއެސްގެ ފްލީޓްގައި ހުރި ބޯޓްތައް ދުވަސްވެ، ބާވެ މެއިންޓަނަންސަށް ބޮޑު ހޭދައެއް ކިރަން ޖެހުމާއި ބޯޓްތައް އައުކުރަން ކުއްޔަށް ބޯޓްތަކެއް ނަގަން ޖެހުން ފަދަ ކަންކަން ވެސް ކުރިމަތިވެފައި އޮތް ކަމަށް މިހާދު ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރަން އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދަން އަންނަނީ މަސައްކަތްތަކެއް ވެސް ކުރެވެމުންނެވެ.
އައިއޭއެސްގެ ދަރަނި 529.6 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުންފުނީގެ ހަރަދުތައް ކުރެވޭ ވަރަށް އެކައުންޓްގައި އެކަށީގެންވާ އަދަދެއްގެ ފައިސާއެއް ނުހުންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.