ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މެމްބަރުން އިތުރު ކުރަނީ މުގު އުކައިގެން ނޫން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ނަވާޒް ވިދާޅުވެއްޖެ އެވެ.
ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމި ހިސާބުން އެ ޕާޓީން ވަކިވެވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވި ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އަހުމަދު ސަމީރު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ނަވާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ވެސް ސަރުކާރުން ކާމިޔާބުކުރީ މުގު އުކުގައި ނުވަތަ "ފައިސާ ބަހައިގެން" ކަމަށެވެ.
ގާސިމާ ބެހޭ ގޮތުން ސަމީރު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އެއްބައިވެގެން ވެރިކަމަށް ކުރިމަތިލައިގެން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ކުރިމަތިވެވަޑައިގަންނަވާނީ ދެރަ ގޮތްތަކެއް ކަމަށެވެ. އަދި ވެރިކަމަށް އައުމުގެ ފޯމިއުލާއެއް ވެސް ނުދެއްކޭ ކަމަށް ވިދާޅުވި އެވެ.
އޭގެ ރައްދުގައި ނަވާޒު ވިދާޅުވީ މުޅި ރިޔާސީ އިންތިހާބުގެ ފޯމިއުލާގެ ކޮންސްޓަންޓަކީ ލީޑަރު ކަމަށާއި ދެން ތިބޭނީ ވޭރިއަބަލްސް ކަމަށެވެ.
"މިއީ ޖޭޕީގެ ފަހަރު،" އޭނަ ވިދާޅުވި އެވެ. "ގާސިމްގެ ޕާޓީ އަށް މެމްބަރުން އިތުރު ވަނީ މުގު އުކައިގެނެއް ނޫން. މުގު އުކައިގެން ހިންގި ކަންކަން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުން ފެނިގެން ހިނގައްޖެއް."
ނަވާޒު ވިދާޅުވެފައިވާ ގޮތުގައި އެ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ ސަރުކާރުގެ ވަސީލަތްތަކާއި ނުފޫޒުގެ އެހީގަ އެވެ. އެހެންވެ އެއީ ފުރިހަމަ ކާމިޔާބީއެއް ނޫން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.