ޖަލުގައި ތިބޭ ގައިދީން ގެންގުޅޭ 431 ނަންބަރެއް ބްލޮކް ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ކުރި ސުވާލަކަށް ލިޔުމުން ފޮނުވި ޖަވާބުގައެވެ. އިބްރާހިމް ރަޝީދު ވަނީ ޖަލު ސަރަހައްދުގައި ވަކިން ހާއްސަ އެންޓަނާއެއް ހަރުކުރިތޯ ސުވާލު ކޮށްފައެވެ. އަދި ޖަލުން އެކި ނަންނަމުގައި އޮޅުވާލުމަށް ގުޅާ ފޯނު ނަންބަރުގެ މައުލޫމާތު ތަހުގީގީ އިދާރާތަކަށް ހިއްސާނުކުރާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ސުވާލުގައި ބުނެފައިވެއެވެ. އެހެންކަމުން އެ މައުލުމާތު ހިއްސާ ނުކުރަނީ ކީއްވެތޯއާއި، ޖަލުތެރޭގައި ހިންގާ ކަމަށް ބުނާ މިފަދަ ކޯލްސެންޓަރު ހިންގުން ހުއްޓުވަން މިހާތަނަށް ކުރެވުނު މަސައްކަތަކީ ކޮބައިތޯ ސުވާލު ކޮށްފައިވެއެވެ.
އެ ސުވާލަށް ލިޔުމުން ފޮނުވި ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލު ސަރަހައްދުގައި މި އަހަރު އެންޓަނާއެއް ހަރުކޮށްފައިވާ ކަމަށެވެ. އަދި މާފުށީ ޖަލު ހިމެނޭ ސަރަހައްދުގައި ބޭނުންކުރާ މޮބައިލް ފޯނުގެ މައުލޫމާތުތައް މި އެންޓަނާ މެދުވެރިކޮށް ޖަމާކުރެވޭ ކަމަށެވެ.
"ނަމަވެސް މިމައުލޫމާތު ޖަމާކުރެވެނީ ނެޓްވަރކް އޮޕަރޭޓަރުންގެ ސަރވަރތަކަށް ކަމުން، އެ މައުލޫމާތުތައް ހޯދަން ޖެހެނީ އެ ފަރާތްތައް މެދުވެރިކޮށެވެ. އަދި ޖަލު ތެރޭގައި ގައިދީން ބޭނުންކުރާ ނަންބަރުތަކާއި އަދި އެހެނިހެން ނަންބަރުތައް ވަކިކުރުމަށްޓަކައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރައްވާ އޮފިސަރުންނާއި މުވައްޒަފުން ބޭނުންކުރައްވާ ފޯނުތަކާއި އަދި ފޯނު ނަންބަރާ ގުޅޭ އެންމެހައި މައުލޫމާތު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާ ކުރެވެމުންނެވެ." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މާފުށި ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުން ސިއްރުން މޮބައިލް ފޯނުގެ ޒަރީއާއިން ކުރާ ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުންނާއި ކަރެކްޝަނަލް ސަރވިސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން މިހާތަނަށް ޖަލުގައި ބޭނުންކުރި 431 ނަންބަރެއް ބްލޮކްކޮށް، 365 އައި.އެމް.އީ.އައި ބްލެކްލިސްޓްކޮށް، 10 އައި.ޕީ އާއި 12 ވެބްސައިޓެއް ބްލޮކް ކުރެވިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
"އަދި ޖަލުތެރޭގައި މިފަދަ ކަންކަން ކުރާ ކަމަށް ފާހަގަކުރެވޭ ގައިދީން އެކަހެރިކޮށް، އެފަދަ ގައިދީން ތިބޭ ގޮޅިތައް ރެއިޑްކޮށް، މުވާސަލާތީ އާލާތްތައް އަތުލައި ގެނެވިފައިވެއެވެ." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ މި މައުލޫމާތުތައް ރައްކާކުރެވިފައި ހުންނަނީ ދިރާގާއި އުރީދޫގައި ކަމުގައިވާތީ، އެ ފަރާތްތަކުން ފުލުހުންނަށް ކޯލް ރިކޯޑްތަކުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށް ދެމުންނުދާތީއާއި، ފޯރުކޮށްދޭ މައުލޫމާތުތައް އެކި ފޯމެޓްތަކުގައި ހުރުމުން އެކަމުގެ ސަބަބުން އެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވާކަމަށެވެ. އެހެންކަމުން އެފަދަ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރުން ލާޒިމުވާފަދަ ގާނޫނީ މިންގަނޑެއް އޮތުން މުހިންމު ކަމަށެވެ.
މީގެއިތުރުން ނަންބަރު ދޫކުރާ އުސޫލުގައި ހުރި ދޯދިޔާކަންވެސް މިނިސްޓަރު އިމްރާން ފާހަގަކުރެއްވިއެވެ. އަދި އެކަން ހައްލު ކުރުމަށް ހަރުކަށި އުސޫލުތަކެއް ކޮމިއުނިކޭޝަން އޮތޯރިޓީން ކަނޑައަޅަން ޖެހޭކަމަށްވެސް އިމްރާން ވިދާޅުވިއެވެ.