Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ގައްދޫ އަދި މާއުނގޫދޫ ބަނދަރު މަސައްކަތް ކުރިއަށް

ގދ. ގައްދޫ އަދި ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެ މަސައްކަތްތައް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 39 އިންސައްތަ މިހާރު ފުރިހަމަ ކުރެވިފައިވާކަމަށެވެ. އަދި، ހާބަރ ބްރިޖް އެޅުމުގެ މަސައްކަތް މިހާރު 10 އިންސައްތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 320 މީޓަރުގެ ސްކޯރިންގ އޭޕްރަންއެއް ހެދުމާއި، ބްރިޖެއް ހެދުމާއި، 1600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 40.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މީގެއިތުރުން ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށާއި އަދި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 56.33 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.