ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 12.3 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން 19780 ކޮޑިމީޓަރ ބިން ހިއްކުމާއި، ރަށުގެ އިރު އަދި ހުޅަނގު ފަރާތު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން 320 މީޓަރ އާއި 330 މީޓަރގެ ޖިއޯ-ބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މި މަޝްރޫއުތަކުގެ ދަށުން މިރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފައިވެއެވެ.