Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

"ހަސަން ކުރުސީ" ގެ އަސްލު ހޯދައި ދޭން އެދިއްޖެ

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޓްވިޓާގައި "ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ އެކައުންޓުގެ އަސްލު ހޯދައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ މި މައްސަލައިގައި ސިޕީ ހަމީދަށް ފޮނުވި ސިޓީ ހިއްސާކުރައްވާފައެވެ.

އެގޮތުން ރައީސް ނަޝީދުގެ ސިޓީގައި ބުނެފައިވަނީ، ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި، އޮޅުންއަރާ އެކަމުގެ ސަބަބުން އެމަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބެމުންދާކަމަށެވެ.

އެހެންކަމުން އެ ޓްވިޓާ އެކައުންޓުގެ އަސްލު ހޯދައި ދެއްވުމަށް ރައީސް ނަޝީދު ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"ހަސަން ކުރުސީ"ގެ ނަމުގައި ޓްވިޓާގައި ހިންގާ އެކައުންޓުން ސިޔާސީ ކަންކަމާ ގުޅޭ ގިނަ ޓްވީޓްތަކެއް ކުރާއިރު، އެ އެކައުންޓަކީ ރައީސް ނަޝީދު ގެންގުޅުއްވާ އެކައުންޓެއް ކަމަށް އެކި ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އެހެންނަމަވެސް ރައީސް ނަޝީދު މީގެކުރިންވެސް ވަނީ އެކަން ދޮގު ކުރައްވާފައެވެ.