Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ހިތަދޫގައި ބޮޑު ޖަމާއަތް ސިޓީ ސްކެއާގައި

ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް އައްޑޫ ހިތަދޫގައި އެ އަވަށު ސިޓީ ސްކެއާގައި ބާއްވަން ނިންމައިފި އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. އެ ދުވަހުގެ ބޮޑު ޖަމާއަތް އޮންނާނީ ހެނދުނު 7:00 ގަ އެވެ. ހިތަދޫގައި ބޮޑު ޖަމާއަތް އިންތިޒާމު ކުރަނީ އެ އަވަށު ނޫރަލް އިސްލާމް ޖަމިއްޔާ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެންނެވެ.

ބޮޑު ޖަމާއަތަށްދާ އިރު ކޮންމެ މީހަކު ވެސް މުސައްލައަކާއި ފެންފުޅިއެއް ގެންދަން ނޫރުލް އިސްލާމުން އެދިފައިވެ އެވެ.

ހިތަދޫގެ އިތުރުން އައްޑޫގެ އެހެން އަވަށްތަކުގައި ވެސް ކުރިން ވެސް ބޮޑު ޖަމާއަތް ބާއްވަމުން އަންނަ ގޮތަށް ފިތުރު އީދުގެ ބޮޑު ޖަމާއަތް އޮންނާނެ އެވެ.

ނަމަވެސް މޫސުން ތަން ނުދީގެން ބޮޑު ޖަމާއަތް ނުބޭއްވޭ ހާލަތްތަކުގައި އަވަށްތަކުގެ ހުކުރު މިސްކިތްތަކުގައި އީދު ނަމާދު އޮންނާނެ އެވެ.

ރާއްޖޭގެ ވަރަށް ހިސާބުތަކުގައި މީހާރު އީދު ނަމާދު ބާއްވަނީ ބޮޑު ޖަމާއަތުގަ އެވެ.