Last Updated: June 8, 07:06
Monday, June 8, 2026
ރިޕޯޓް

ކޮތަޅުން ނަގާ ފީގެ ރެކޯޑު ބަލަހައްޓަން ޖެހޭނެ

ވިއްކާ އަދި ހިލޭ ދޫކުރާ ހުރިހާ ޕްލާސްޓިކް ކޮތަޅެއްގެ އަދަދާއި، އަގާއި އެކު ރެކޯޑު ބަލަހައްޓަން ޖެހޭ ގޮތަށް ޕްލާސްޓިކް ކޮތަޅުގެ ފީ ގެ އަދަދު ކަށަވަރުކުރުމަށް ރިކޯޑު ބެލެހެއްޓުމުގެ ޤަވާއިދު، މީރާއިން އެކުލަވާލައިފިއެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީގެ ރެކޯޑުގެ ބެލެހެއްޓުމުގެ ޤަވާއިދު މީރާއިން ޝާއިއުކޮށް ގެޒެޓްކޮށްފައިވަނީ ހޯމަ ދުވަހުއެވެ. މި ޤަވާއިދުގެ ދަށުން ވިޔަފާރިތަކުން ދޫކުރާ ޕްލާސްޓިކް ކޮތަޅުތަކުގެ އަގު ބެހެލެހެއްޓުމުގެ އިތުރަށް، ވިއްކާ އަދި ހިލޭ ދޫކުރާ ޕްލާސްޓިކް ކޮތަޅުގެ ރެކޯޑުވެސް ބަލަހައްޓަން ޖެހެއެވެ.

ރާއްޖޭގެ ކުނި މެނޭޖް ކުރުމުގެ ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ކޮންމެ ވިޔަފާރި ހަރަކާތަކުންވެސް ދެން ޕްލާސްޓިކް ކޮތަޅު 2ރ. ރޭޓުން މިއަދުން ފެށިގެން ޖެހޭނީ ވިއްކާށެވެ. އަދި މި ފައިސާ ޖީއެސްޓީ ބަޔާނުގައި ހިމެނުމަށް މީރާއިން ވަނީ އަންގާފައެވެ. މިގޮތުން ވިޔަފާރިއަކުން އެއް ކޮތަޅު ވިއްކިއަސް ނޫނީ، ކޮތަޅު ބޮނޑިއެއް ވިއްކިއަސް، ދޭ ނުވަތަ ވިއްކާ ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ މަގުން މި ފީ ނަގަން ޖެހޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ފީ ނެގުން އިސްތިސްނާވަނީ

* ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު؛
* ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު؛
* ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ" އަށެވެ.

ކޮތަޅު ވިއްކުމުގައި ރެކޯޑު ބަލަހައްޓަން ހުރިހާ ވިޔަފާރިއަކަށްވެސް މަޖުބޫރު

ކޮތަޅުގެ ފީ ރެކޯޑު ބެލެހެއްޓުމުގެ ޤަވާއިދުގައިވާ ގޮތުން ވިޔަފާރިތަކުން 5 ބާވަތުގެ ރެކޯޑު ބަލަހައްޓަން ޖެހެއެވެ. އެގޮތުން

1. ވިޔަފާރި ހަރަކާތުން ކަސްޓަމަރުންނަށް ވިއްކާ ޕްލާސްޓިކް ކޮތަޅުގެ އަދަދާއި އޭގެ އަގު؛
2. ވިޔަފާރި ހަރަކާތުން ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުގެ އަދަދު؛
3. ހަލާކުވާ ޕްލާސްޓިކް ކޮތަޅުގެ އަދަދާއި އޭގެ އަގު؛
4. ވިޔަފާރި ހަރަކާތުން ކަސްޓަމަރުންނަށް ވިއްކާ އަދި ހިލޭ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅަށް ނުވާ އެހެނިހެން ބާވަތުގެ ކޮތަޅުގެ އަދަދު؛
5. ކަސްޓަމަރުން އަނބުރައި ރައްދުކުރާ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލް

މީގެ އިތުރުން ކޮތަޅުގަތް ސަޕްލަޔަރުންގެ މައުލޫމާތާއި އެ ގަތް އަދަދު ރައްކާކޮށް ބަލަހައްޓަން ޖެހޭނެ ކަމަށް މީރާއިން ބުނެއެވެ.

ކޮތަޅުން ނަގާ ފީ އާއި މައުލޫމާތު ހުށަހަޅާނީ ވިޔަފާރިތަކުގެ ޓެކްސް ބަޔާނާއިއެކު

މީރާގައަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދުގެ މައުލޫމާތު ހުށަހަޅައި ފައިސާ ދައްކަން ޖެހެނީ މީރާއަށެވެ. މިގޮތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދާގުޅޭ މައުލޫމާތު އެ ފަރާތުގެ ޖީ.އެސް.ޓީ ބަޔާނުގައި މިއަދުން ފެށިގެން ހިމަނަން ޖެހެއެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދުގެ މައުލޫމާތު މީރާއަށް ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ އެ ފަރާތެއްގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ޖީ.އެސް.ޓީ ދައްކަންޖެހޭ ސުންގަޑިއެވެ. އަދި ފީގެ ގޮތުގައި ނަގާފައިވާ އަދަދު މީރާއަށް ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ދިވެހިރާއްޖޭގެ ކުނި މެނޭޖް ކުރުމުގެ ޤާނޫނުގެ ދަށުން ކޮތަޅަކުން 2ރ. ނަގަށް ފަށާއިރު، ގިނަ ވިޔަފާރިތައް މިކަމަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އަދި ކޮތަޅުތަކުން ފީ ނެގުމާއި ބެހޭ އުސޫލުވެސް މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ވަނީ އާންމުކޮށްފައެވެ.