މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ ބުރާސްފަތި ދުވަހުގެރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ހަނދު ސާބިތުކުރުމުގެ ޖަލްސާ 20 އެޕްރިލް 2023ވާ ބުރާސްފަތި ދުވަހުގެރޭ، 20:45ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެ ކަމަށެވެ.
މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން އިއުލާންކުރާއިރު ޓީވީ އަދި ރޭޑިއޯއިން ލައިވްކުރުމަށް ހަމަޖެހިފައިވެއެވެ.
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.
ބޭރުގައުމަކަށް ހަނދު ފެނިއްޖެނަމަ އެ މައުލޫމާތު ހިއްސާކުރައްވާނީ ފޮރިން މިނިސްޓްރީން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.