ސްޕޯޓްސް ކޯޕަރޭޝަނަކީ ކޮރަޕްޝަންގެ ހާއްޔެއް ކަމަށާއި ރާއްޖޭގެ ކުޅިވަރު ހަލާކުކޮށް ސުންނާފަތިކުރި ތަނަކީވެސް ސްޕޯޓްސް ކޯޕަރޭޝަންކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެ އިސްލާހަކީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެ އިސްލާހު ގެންނަން ފެނިއްޖެކަމަށް ދެކިގެން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. މި އިސްލާހުގައި ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ހުށަހަޅާފައިވާއިރު ސަރުކާރަށް ފާޑުކިޔާ މެންބަރުން އަންނަނީ އެ ކޯޕަރޭޝަން އުވާލަނީ ސިޔާސީ ކަމެއްގައި ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ޝަރީފް ވިދާޅުވީ ދައުލަތުގެ 100 އިންސައްތަ ހިއްސާއޮންނަގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނަކީ ކޮރަޕްޝަންގެ ބޮޑު ހާއްޔެއް ކަމަށެވެ.
"އެ ހާލި ނައްތާލާ، މުލުން ލުހެލުމަކީ މިއަދުގެ ސަރުކާރުން އަމާޒު ހިފާފައިވާ ކަމެއް." ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މިދިޔަ ހަތް އަހަރު ސްޕޯޓްސް ކޯޕަރޭޝަނުން ކުރި އެއްވެސް ކަމެއް ނެތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި މުހިންމު އިސްލާހެއް ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ ކުޅިވަރު ހަލާކުކޮށް ސުންނާފަތިކުރި ތަނަކީވެސް ސްޕޯޓްސް ކޯޕަރޭޝަންކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މި ކޯޕަރޭޝަން އުފެދުނު ފަހުން ރާއްޖޭގެ ފުޓްބޯޅަވެސް ވަޅުޖަހާފައިވާ ކަމަށް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށާއި އެހެންނަމަވެސް އެކަންކަމަށްވެސް ހުރަސް އަޅަމުންދާތަނަކީ ސްޕޯޓްސް ކޯޕަރޭޝަން ކަމަށެވެ.